ރިޕޯޓު ކުރަންޖެހޭ ބައްޔެއް ރިޕޯޓު ނުކޮށްފިނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ރިޕޯޓު ކުރަން ޖެހޭ ބައްޔެއް ރިޕޯޓް ނުކޮށްފިނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރާ އުސޫލެއް ކަނޑައަޅައި، ބަލިތައް ރިޕޯޓްކުރުމާއި ބެހޭ ޤަވާއިދު ބަޔާންކޮށް ގެޒެޓް ކޮށްފިއެވެ. އެ ޤަވާއިދުގައި ބަޔާންވެގެންވާ ...

11 Dec 2021 | 17:14

ރިޕޯޓު ކުރަން ޖެހޭ ބައްޔެއް ރިޕޯޓް ނުކޮށްފިނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރާ އުސޫލެއް ކަނޑައަޅައި، ބަލިތައް ރިޕޯޓްކުރުމާއި ބެހޭ ޤަވާއިދު ބަޔާންކޮށް ގެޒެޓް ކޮށްފިއެވެ.

އެ ޤަވާއިދުގައި ބަޔާންވެގެންވާ ގޮތުން މި ޤަވާއިދުގެ ދަށުން ރިޕޯޓު ކުރަން ޖެހޭ ކަމެއް ރިޕޯޓު ނުކޮށް ހުރުމަކީވެސް ކުށެކެވެ. އެގޮތުން އެކަމުގެ އަދަބަކަށް 1000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލް އަށް ލިބިދީފައި ވެއެވެ

އަދި މީހެއްގެ ގައިގައި ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯޓު ކުރުމަކީވެސް ކުށެކެވެ. މިގޮތުން އެކުށުގެ އަދަބެއްގެ ގޮތުން 3000 ރުފިޔާއަށްވުރެ ބޮޑު ނުވާ މިންވަރަކަށް ޖޫރިމަނާ ކުރެވޭނެވެ.

މިޤަވާއިދުގެ ދަށުން އާންމު ޞިއްޙަތު ރައްކައުތެރިކުރުމަށާއި ނުރައްކާތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށް ޝާއިޢު ކުރަންވާނެއެވެ.

މީގެ އިތުރުން، މި ޤަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ ވިހި ދުވަހުގެ ތެރޭގައި ޤާއިމުކޮށްފައި، އެޖެންސީން އެކަން އާންމު ކުރަންވާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާން ވެގެންވެއެވެ.

ބަލިތައް ރިޕޯޓްކުރުމާބެހޭ ޤަވާއިދަކީ އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދެކެވެ. މި ޤަވާއިދުގެ މަގުސަދަކީ، އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް