ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން އަދުހަމްގެ ޝަރީޢަތް މާދަމާ ބާއްވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން އަދުހަމް އަހްމަދު ރަޝީދުގެ ޝަރީޢަތް މާދަމާ ބާއްވަން ނިންމައިފި އެވެ. ވ. އަތޮޅު ތިނަދޫ، ހިޔާ / އަދުހަމްގެ މައްޗަށް އުފުލާފައި...

11 Dec 2021 | 16:03

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން އަދުހަމް އަހްމަދު ރަޝީދުގެ ޝަރީޢަތް މާދަމާ ބާއްވަން ނިންމައިފި އެވެ.

ވ. އަތޮޅު ތިނަދޫ، ހިޔާ / އަދުހަމްގެ މައްޗަށް އުފުލާފައިވަނީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެ ކުށަށް އިއުތިރާފުވެފައިވާތީ އެވެ.

އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނިީ މާދަމާ 1 ޖަހާއިރަށެވެ.

ކްރިމިނަލް ކޯޓުގައި އަދުހަމް ކުށަށް އިއުތިރާފުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭނާގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމާ މުޅި ޝަރީއަތް ސިއްރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ.

މި ހަތަރު ދައުވާ އަދުހަމްެގ މައްޗަށް ސާބިތުވެއްޖެ ނަމަ، 37 އަހަރުގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިޚްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ، ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއާ އެކު ދައުލަތުން ވަނީ 23 އަހަރުގެ ހުކުމަކަށް އެއްބަސް ވެފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމެވެ.

އެހާދިސާގައި ރައީސް ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި އިރު، އެވަގުތު އެތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ވަނީ އަނިޔާވެ، ނުރައްކާވެފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސް ވެސްވެފަ އެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްފަ އެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް