ޕާކިސްތާނު ސަރުކާރާއި އާންމުންނާއި ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައިވާ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ން ހަމަލާ ދިނުން ހުއްޓާލަން ވި، ވަގުތީ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލަން ނިންމައިފި އެވެ.
އެ ޖަމާއަތުން ނޫސްވެރިންނަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ މަހެއް ފަހުން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމީ ޕާކިސްތާނު ސަރުކާރުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ކަަމަށެވެ. އެ ޖަމާއަތުން ބުނީ ސަރުކާރުން ހިލާފުވަމުން ދަނީ އެއްބަސްވުމުގެ ދަށުން ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަންކަމާއި ކަމަށެވެ.
މި ނިންމުމާއި ގުޅިގެން ޕާކިސްތާނު ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ޓީޓީޕީ އާއި އެކު އެއްބަސްވުމެއް ހަދަން ޖެހުނީ ގައުމުގެ ހަމަޖެހުމާއި އިޖްތިމާއީ އަދި އިކޮނޮމީއަށް ހަމަޖެހުން ގެނައުމަށް ކަމަށެވެ. އަދި އެކަންކަމާއި ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރާނެ ކަމަށް ބުނެފަ ވެ އެވެ.
ޕާކިސްތާނު ސަރުކާރުން ޓީޓީޕީ އާއި އެކު މަޝްވަރާ ކުރަން އެއްބަސްވުމުން އެގައުމުގެ އެހެން ސިޔާސީ ޕާޓީތަކާއި އާންމުންގެ ފަރާތުން ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ޓީޓީޕީ އަކީ އަފްގާނިސްތާނުގެ ތޯލިބާނުންގެ ގޮތްޕެކެވެ. ޕާކިސްތާނުގައި ކުރިޔަށްދާ މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުން އަދާ ކުރަމުންދެ އެވެ.
ޓީޓީޕީން ވަނީ 2007 ވަނަ އަހަރުން ފެށިގެން ޕާކިސްތާނު ސަރުކާރާއި ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ހަމަލާދީ ގިނަ ބަޔަކު މަރާލާފަ އެވެ. އަދި މުޖުތަމައުގައި ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ކެމްޕެއިންތަކަށް ހަމަލާދީ އޮފިޝަލުންނާއި ފުލުހުން މަރާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް