ސަރުކާރު ގޮތް ދޫކުރުމުން އިންޑިއާ ދަނޑުވެރިންގެ ވަރުގަދަ މުޒާހަރާ އަހަރަކަށް ފަހު ނިިންމާލައިފި

އިންޑިއާ ދަނޑުވެރިން ކުރި ވަރުގަދަ މުޒާހަރާ އަހަރަކަށް ފަހު ނިންމާލައި އެމީހުންގެ ސްޓޭޓްތަކަށް ދާން ފަށައިފި އެވެ. މި މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. މި މުޒާހަރާ އަކ...

11 Dec 2021 | 12:09

އިންޑިއާ ދަނޑުވެރިން ކުރި ވަރުގަދަ މުޒާހަރާ އަހަރަކަށް ފަހު ނިންމާލައި އެމީހުންގެ ސްޓޭޓްތަކަށް ދާން ފަށައިފި އެވެ.

މި މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. މި މުޒާހަރާ އަކީ ބޮޑެތި ކުންފުނިތަކަށް ފައިދާވާ، އާދައިގެ ދަނޑުވެރިންގެ ދިރިއުޅުން ފަނާވާނެ ފަދަ ތިން ގާނޫނެއް ފާސް ކުރި ކަމަށްބުނެ ފެށި މުޒާހަރާތަކެކެވެ.

މުޒާހަރާގެ ބައިވެރިން އަހަރެއް ވަންދެން ތިބީ ވެރިރަށް ދިއްލީގެ ވަށައިގެންވާ ހަނަފަސް ސަރަހައްދުތަކުގައި ޓެންޓު ޖަހައިގެންނެވެ. މިދިޔަ އަހަރެއް ހާ ދުވަހުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެތައް ބަޔަކު ކޯވިޑް ޖެހިގެންނާއި ފިނި ގަދަވެ އަދި ހޫނު ގަދަވެގެން މަރުވެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން މީޑިއާގައި ބުނެފައިވަނީ އެމީހުން އެނބުރި ދަނީ ސަރުކާރުން އެމީހުންގެ މައިގަނޑު ޑިމާންޑު ފުރިހަމަކޮށްދޭނެ ކަމަށް އެއްބަސްވުމުންނެވެ. އަދި އެ މީހުންގެ ޑިމާންޑުތަކާ ގުޅޭ މަޝްވަރާ ކުރަން މިނިސްޓަރުން އެއްބަސްވުމާއި އުފެއްދުންތަކަށް ޔަގީން އަގެއް ކަނޑައެޅުމާއި މުޒާހަރާ ކުރި ދަނޑުވެރިންނާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިޔުން ސަރުކާރުން އެއްބަސްވުމުން ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން އެއްބަސްވި ކަންކަމަށް އަމަލު ކުރޭތޯ ބަލަން ޖެނުއަރީ 15 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ދަނޑުވެރިން ބުނެފައިވަނީ އެހާތަނަށް ތަންފީޒު ކުރަން ނުފަށައިފި ނަމަ އަނެއްކާވެސް މުޒާހަރާއަށް ނުކުންނާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ތައާރަފު ކުރި ގާނޫނު ތަކަކީ ދަނޑުވެރި އުފެއްދުންތަކުގެ އަގާއި، ވިޔަފާރި އާއި ރައްކާކުރުމާ ގުޅޭ ގާނޫނުތަކެކެވެ. ދަނޑުވެރިން ބުނީ އެ ގާނޫނުތަކާ ހެދި ހުޅުވާލެވިފައިވާ މާކެޓު ނިޒާމުގެ ތެރެއިން އެ މީހުންނަށް ލިބުނު ރައްކާތެރިކަން ކުޑަވި ކަމަށެވެ.

މި ކަންކަން ހައްލު ކޮށްދިނުމުގެ ބަދަލުގައި މިދިޔަ އަހަރެއްހާ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ދިޔައީ އެ ގާނޫނުން ދަނޑުވެރިންނަށް ފައިދާ ވާނެ ކަމަށް ބުނަމުންނެވެ. އެކަމަކު ދަނޑުވެރިން ގޮތް ދޫނުކުރުމުން ގޮތް ހުސްވެ ޕްރެޝަރު ބޮޑުވެގެން މިދިޔަ މަހުގެ 19 ވަނަ ދުވަހު މޯދީ ވަނީ އެ ގާނޫނު އުވާލާފަ އެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ، އޭގެ ތެރެއިން ގިނަ ޑިމާންޑުތައް ގަބޫލުކުރާ ކަމަށް ބުނެ ދަނޑުވެރިންނަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. އޭގެ އިތުރުން މުޒާހަރާގެ ތެރެއިން މަރުވި ދަނޑުވެރިންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް