އެމް.ޑަބްލިޔު .އެސް.ސީ އިން އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމު ގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.
މިމަޝްރޫޢު ގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، ފެރިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު .އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، އެމް.ޑަބްލިޔު .އެސް.ސީގެ ބޯޑް މެންބަރު އަލްފާޟިލް އިބްރާހިމް އަންވަރު އާއި، މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙަސަން ޒަރީރު އަދި ފެރިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ޝާހް އެވެ.
މި ރަސްމިއްޔާތު ގައި ފެން ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރި އަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %35 މަސައްކަތް ވަނީ ނިމިފައި ކަމުގައި މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ފެރިދޫގައި 6.77 ކިލޯމީޓަރު ގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢު ގައި ހިމެނޭ ނަރުދަމާ ނިޒާމު ގެ މަސައްކަތް ގެ ދަށުން ފެރިދޫގައި 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.07 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ޤާއިމްކުރުުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭ ގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 69.33 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް