މަސްވެރިކަމަށް ނިކުމެ އުޅުނު ކުޑަ ދޯންޏެއް ދިޔަވާން ފަށައި ހިނގި ހާދިސާއެއްގައި އެ ދޯނީގައި ތިބި ދެމީހަކަށް އަނިޔާވެ އެ ދެމީހުން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 10:30 ހާއިރު އެނބޫދޫ ފިނޮޅު ކައިރީ އޮންނަ އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެކަމަށް އެޓެންޑް ކުރިއެވެ.
އެގޮތުން އެ ސަރަހައްދަށް ފުލުހުން ދިޔައިރު އެ ދޯނީގައި ހަތަރު މީހަކު ތިބި ކަމަށާއި އޭގެން ދެމީހަކު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަނެއް ދެމީހުންނާ ގުޅިގެން ކުޑަ އެ ދޯނި މިހާރު އެނބޫދޫ ފިނޮޅު ކައިރިން ހިއްކަން ފަށާފައިވާ ސަރަހައްދަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދޯނީގައި ތިބީ ދިވެހި ފިރިހެނަކާއި ބިދޭސީ ތިން ފިރިހެނުން ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނީ ބިދޭސީ ދެ މީހަކު ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ހަމަ މި ހާދިސާގެ މައުލޫމާތު މީޑިއާތަކަށް ދެއްވަމުން ބުނެފައިވަނީ މި ދޯނި އަޑިއަށް ގޮސްފައިވަނީ އިއްޔެ އިރުއޮއްސުނު ހާއިރު ކަމަށާއި ނަމަވެސް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އަނިޔާވި ދެމީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި ނަމަވެސް މި ވިއްސާރައިގ ދަތުރުކުރައްވާއިރު ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ ސަމާލުވެލެއްވުމަށް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް