މި ސަރުކާރު އަލުން އިންތިހާބު ވިޔަސް އެމްއާރުއެމް ދެމި އޮންނާނީ މި ކޯލީޝަންގައި: ރައީސް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް ދެމި އޮންނާނީ ސަރުކާރާއެކު ސަރުކާރު ކޯލީޝަންގައި ކަމަށާއި މި ސަރުކާރު އަލުން ބަދަލުވިޔަސް ބަދަލެއް ނުވާނެ ކަމުގައި ކުރީގެ ރައީސް މައުމުން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ...

11 Nov 2019 | 06:32

މޯލްޑިވްސް ރިފޯމް މޫވްމަންޓް ދެމި އޮންނާނީ ސަރުކާރާއެކު ސަރުކާރު ކޯލީޝަންގައި ކަމަށާއި މި ސަރުކާރު އަލުން ބަދަލުވިޔަސް ބަދަލެއް ނުވާނެ ކަމުގައި ކުރީގެ ރައީސް މައުމުން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މައުމޫނާމެދު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމަނިކުފާނު ވަރަށް އިހުތިރާމް ކުރައްވާ އަދި އެމަނިކުފާނަށްވެސް ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ރާއްޖޭގައި އޮންނަން ހަމަ އެންމެ ރަނގަޅީ މިހާރުވެސް މިއޮތް ރިޔާސީ ނިޒާމު ކަމުގައި ރައީސް މައުމޫން ތަކުރާރުކޮށް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާއިބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް މާ އެކަށީގެންވާ ނިޒާމެއް ކަމަކަށް ނުވާނެ ކަމަށެވެ. ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލުވެގެންދާނެ ކަމަށެވެ .ބޮޑުވަޒީރަކު ލާތާ ދެ މަސްފަހުން އިސްތިއުފާ ދޭން ޖެހިދާނެ ކަމަށެވެ.

"އަނެއްކާ އަނެއް ބޮޑުވަޒީރަކު އަންނަނީ، އެހެންކަމުން މިކަހަލަ ކަންކަމުން ހަމަނުޖެހުންތަކުގެ ތެރޭގައި ވަރަށް ގިނައިން އުޅެން ޖެހޭނެ،  އޭރުން އެއްވެސް ސަރުކާރަކަށް ހަމަޖެހިލައިގެން ރައްޔިތުންގެ ފައިދާއަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ " ރައީސް މައުމޫން ވިދާޅުވިއެވެ.

އެހެންނަމަވެސް ރިޔާސީ ނިޒާމުގައި އޮންނަ ގޮތް ނޫން ގޮތަށް ބައެއް ކަންކަން ފެންނަމުން އަންނަ ކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. ރިޔާސީ ނިޒާމުގަ އޮންނަން ޖެހޭނީ ހުރިހާ ބާރުތައް ވަކިވެފައި ކަމަށާއި ތިން ބާރު ވަކިވެ،  އެއް ބާރު އަނެއް ބާރަށް ފާރަވެރި ވާގޮތަށް ހުދޫދުތަކެއް ކަނޑައެޅިފައި އޮންނަން ވާނެ ކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ. އަދި މިހާރު މި ވާގޮތަކީ ހިސާބަކަށް މަސްހުނި ވެގެން ދާތަން ފެންނަ ކަމުގައިވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އެ ހާލަތު ބަދަލުކުރެއްވުމަށް ކުރެއްވި ބައެއް ކަންކަން ވިދާޅުވެދެއްވިއެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވި އިރު މީގެ 40 އަހަރު ކުރިން ރާއްޖެ އޮތީ ކާޑުގެ ތަކެއްޗަށް ޖެހިފައި ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެކަން ހައްލު ކުރައްވަކަމުގައި ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވީ ރާއްޖޭގައި އޭރު އޮތް ހަނި އިގްތިސާދު ފުޅާކުރުމާއި ތައުލީމު ކުރިއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

" އަޅުގަނޑު ރައީސް ކަމާ ހަވާލުވިއިރު ސަރުކާރު ހަރަދުގައި ހިންގާ މާލެއިން ބޭރުގައި ހުރީ ހަމަ އެންމެ މަދަރުސާއެއް، އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒު، އަޅުގަނޑު ނިންމީ އެއް އަހަރު ތެރޭގައި ރާއްޖޭގައި ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިންގަންޖެހޭ މަދަރުސާއެއް ހުންނަން ޖެހޭނޭ ކިތަންމެ އާދައިގެ ފެންވަރެއްގައިވިޔަސް، އެގޮތުން ބައެއް ތަންތަން ހުންނާނެ ދަނޑިފަނުން ހަދާފަވެސް" އޭރުގެ ހާލަތު ކިޔައިދެއްވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

އޭގެ ފަހުން ތައުލީމީ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނުކަމަށާއި ތައުލީމީ މަރުކަޒުތައް ރާއްޖޭގައި އުފައްދާ ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި 115 ސްކޫލެއް އިމާރާތްކޮށް މީގެ އިތުރުންވެސް ޔޫއެންޑީޕީގެ އެހީގައާ އެފަދަ ބައެއް ތަންތާނގެ އެހީގައި ސްކޫލްތައް އިމާރާތް ކުރެވުނުކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހާލަތައް ބަލާނަމަ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ އެންމެ ފަގީރު ފަސް ގައުމުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް މިއަދު ރާއްޖެ މިވަނީ މެދުފަންތީގެ ގައުމުތަކުގެ ތެރޭގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް