ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި މި ސަރުކާރުން އެއްވެސް މަޝްރޫއެއް ނުހިންގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވާނީ ދުނިޔޭގެ އިގްތިސޯދަށް އަންނާނެ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ މިންވަރަށް ބަލައި ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީން ކަމާއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ވިސްނުންތެރި ކަމާއެކު ތައްޔާރު ނުވެ ތިބެއްޖެނަމަ 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު އެ އަހަރުތެރޭގައި އެއްކޮށް ދައްކަން ޖެހޭނެތީ އެކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ރައީސް ސޯލިހް މިރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވިގޮތުގައި މި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނެ އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތެވެ. އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު އަލުން ފަށައިގަނެވި އެ މަސައްކަތް ވަރަށް ހަލުއި ކަމާއެކު ކުރިއަށްދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ގުޅީފަޅުގައި ތަރައްގީކުރާ ބަނދަރުގެ މަޝްރޫއުވެސް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުން ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އަވަސްވެ، ހަރަދު ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގުވެސް ކުޑަވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް