އަމިއްލަ ނަފުސަށް ތެދުވެރިވުން

މި ދުނިޔެ އަށް އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގަ އެވެ. އެހިނދު އޭނާގެ ކުރިމަތީގައި ވަނީ ދެ މަގެކެވެ. އެއީ ސާފުސީދާ ތެދުމަގާއި ގޯސް މަގެވެ. މި ދެ މަގު ދެނެގަނެ، ހެވާއި ނުބައި ވަކިކު ކުރުމަށ...

11 Oct 2020 | 06:22

މި ދުނިޔެ އަށް އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގަ އެވެ. އެހިނދު އޭނާގެ ކުރިމަތީގައި ވަނީ ދެ މަގެކެވެ. އެއީ ސާފުސީދާ ތެދުމަގާއި ގޯސް މަގެވެ.

މި ދެ މަގު ދެނެގަނެ، ހެވާއި ނުބައި ވަކިކު ކުރުމަށްޓަކައި މާތްﷲ އިންސާނުންނަށް ވަނީ ބުއްދީގެ ނިޢުމަތް ދެއްވައިފަ އެވެ. ޢިލްމު އުނގެނުމަށެވެ. ކަންކަން ހޯދައި ބެލުމަށެވެ. ކަންކަމުން ޢިބްރަތް ޙާޞިލް ކުރުމަށެވެ. ހެޔޮ ރަނގަޅު ގޮތް ބުއްދީގެ އެހީގައި ދެނެގަނެ އެއަށް ޢަމަލު ކުރުމަށެވެ.

އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މާތް ސިފައެކެވެ. މިއީ އިންސާނާ ދުނިޔަވީ ކަންކަމުގައި އަދި އުޚުރަވީ ޙަޔާތުގައި ވެސް ކާމިޔާބުވުމަށްޓަކައި މުހިންމު ސިފައެކެވެ.

ދިރިއުޅުމުގެ ހުރިހާ ޙާލަތްތަކެއްގައި ވެސް ތިމާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިމްތިޙާނު ކުރެވިގެންދާ ޙާލަތްތަކާއި ކުރިމަތިވެ އެވެ. ތިމާމެންނަށް ހަދާލެވޭ ކުޑަކުޑަ ދޮގެއްގެ ސަބަބުން ވެސް ހީވެސް ނުކުރާފަދަ ނުރައްކާތެރި ކަންކަމާ ކުރިމަތިލާން ޖެހެއެވެ.

އެހެން ނަމަވެސް އަމިއްލަ ނަފްސުގެ ތެދުވެރިކަމަކީ އޭގެ ސީދާ އަސަރު ތިމާ އަށް ނުފެންނަ ކަމެއް ކަމުގައި ހީވެދާނެ އެވެ. އެއީ އޭގެ އަސަރު ސީދާ ގޮތެއްގައި އެހެން މީހަކަށް ނުފޯރާތީ އެވެ. އެއީ ހަމައެކަނި ތިމާގެ ކިބައިގައި ހުންނަ ރިވެތި އަޚުލާޤާ ގުޅިފައިވާ ކަމަކަށްވާތީ އެވެ.

ނަފްސުގެ ތެދުވެރިކަމަކީ، ތިމާ އެކަނި ހުންނަ ޙާލަތުގައި، ވެސް އަދި ސިއްރިއްޔާތުގައި ވެސް އިޚްލާސްތެރި ކަމާއި އެކު ހެޔޮ ޢަމަލު ކުރުމެވެ. ހެޔޮޢަމަލު ކުރުމުގައި ދެއްކުންތެރިކަން އެއް ފަރާތް ކުރުމަށް ފަހުގައެވެ.

އެހެންކަމުން، ނަފްސުގެ ތެދުވެރިކަން ނެތުމަކީ ތިމާއަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

ވަގުތާއި ޙާލަތުގެ ގޮތުން ތިމާ އަށް އެއްވެސް ގެއްލުމެއް ނުލިބި ދިއުމަކީ ވަގުތީ ފަސޭހައަކަށް ނުވަތަ ހިތްހަމަޖެހުމަކަށް ވީކަމުގައިވި ނަމަވެސް، އެކަމުގެ ސަބަބުން ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތިމާ ބަލިކަށި ވެގެންދެ އެވެ.

އަދި އެފަދަ މީހުން މުޖުތަމަޢުން ފެނިގެން ދަނީ ނާކާމިޔާބު މީހުންގެ ގޮތުގައެވެ. އަދި އެއްވެސް އަގެއް ނެތް މީހުންގެ ގޮތުގަ އެވެ. އެހެންކަމުން އިޚްލާޞްތެރި ބަޔަކަށް ވުމަށްޓަކައި، އަހަރުމެންނަކީ ނަފްސަށް ތެދުވެރި ބަޔަކަށް ވާން ޖެހެ އެވެ.

ނަފްސަށް ތެދުވެރިވުމާ އެކު އަނެކުންނަށް ވެސް ތެދުވެރި މީހަކަށް ތިމާވެއްޖެ ނަމަ ހިތްހަމަޖެހޭ ދިރިއުޅުމެއް ޙާޞިލު ކުރުމަށް ދާންވީ މިސްރާބު ތިމާއަށް ވަރަށް ސާފުކޮށް ފެންނާނެ އެވެ.

އަމިއްލަ ނަފުސަށާއި ތިބާ ހައްދަވާ ބޮޑުކިރެއްވި މާތް ﷲ އަށް ހިޚްލާސްތެރިވެ ތެދުވެރިވާށެވެ. އޭރުން ތިބާ އަށް ކާމިޔާބު ބާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް