ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" އަށް 4 ޓީމް މިހާރުވަނީ ހޮވިފައެވެ. މިގޮތުން ސެމި ފައިނަލަށް ހޮވިފައިވަނީ މިކޮޅުކޮޅުން، ސީކްރެޓްސް، އެސް.ސީ ހޮސްކޮވޯ އަދި ގޭދޮށު ޓީމެވެ.
ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތަކުގެ ގޮތުގައި މިއަދު ހެނދުނު މެގަބުލްބުލް އަދި މިކޮޅުކޮޅު ޓީމް ވާދަކުރި މެޗް 4-3 އިން ކާމިޔާބުކުރީ މިކޮޅުކޮޅު ޓީމެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނީ މިކޮޅުކޮޅުގެ 4 ގޯލްވެސް ކާމިޔާބުކޮށް މޮޅު ކުޅުމެއްދެއްކި އެޓީމްގެ ފިރުޝާނާއެވެ. ހެނދުނުގެ ދެވަނަ މެޗްގައި ވާދަކުރީ ގޭދޮށު ޓީމް އަދި އެސް.ސީ ހޮސްކޮވޯއެވެ. މި މެޗް 6-0 އިން ކާމިޔާބުކުރީ އެސް.ސީ ހޮސްކޮވޯއެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނީ އެސް.ސީ ހޮސްކޮވޯގެ 2 ލަނޑު ކާމިޔާބުކުރި ޝިމްލާއެވެ.
ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ވާދަކުރީ ސީކްރެޓްސް އަދި މެގަ ބުލްބުލްއެވެ. މިމެޗް 3-1 އިން ކާމިޔާބުކުރީ ސީކްރެޓްސްއެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނީ ސީކްރެޓްސްގެ 3 ގޯލްވެސް ކާމިޔާބުކުރި އާމިނަތުއެވެ. ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި ވާދަކުރީ އެކޮޅުކޮޅުން އަދި ގޭދޮށު ޓީމެވެ. މިމެޗް 4-2 އިން ކާމިޔާބުކުރީ ގޭދޮށުޓީމެވެ. މި މެޗްގެ ކްއީން އޮފް ދަ މެޗްގެ މަޤާމަށް ހޮވުނީ ގޭދޮށު ޓީމަށް 3 ގޯލް ކާމިޔާބުކޮށް ހެޓްރިކް ހެދި ޒިޔާނާއެވެ.
ގްރޫޕް ސްޓޭޖް ނިމުނު އިރު ޕޮއިންޓް ޓޭބަލްއަށް އައިބަދަލާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި 6 ޕޮއިންޓާ އެކު މިކޮޅުކޮޅުން އަދި 3 ޕޮއިންޓާއެކު 2 ވަނަ ޓީމްގެ ގޮތުގައި ސީކްރެޓްސް ވަނީ ސެމީއިން ޖާގަ ހޯދާފައެވެ. އަދި ކުޅުނު 2 މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި އެސް.ސީ ހޮސްކޮވޯ އަދި 3 ޕޮއިންޓާއެކު 2 ވަނަ ޓީމްގެ ގޮތުގައި ގޭދޮށުޓީމްވެސް ވަނީ ސެމީއިން ޖާގަހޯދާފައެވެ.
މާދަމާ ހެނދުނު ކުޅެވޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ މިކޮޅުކޮޅުން އަދި ގޭދޮށުޓީމެވެ. އަދި ސެމީގެ ދެވަނަ މެޗްގައި ވާދަކުރާނީ އެސް.ސީ ހޮސްކޮވޯ އަދި ސީކްރެޓްސް އެވެ.
ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސް، ޖުޕިޓަރ ސަންރައިސް ލޮޖް، ދިލްޝާދު މާރޓް އަދި ދަ ލަޒާނިޔާ ޕޮޓް އެވެ. މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިނެވެ. ދުވަސް އޮންލައިން މެދުވެރިކޮށް މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހިއްސާކުރެވޭނެއެވެ. އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މި މައުލޫމާތުތައް އަޕްޑޭޓް ކުރެވެމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް