އިންކަމް ޓެކްސް: ރާއްޖެއިން އާމްދަނީ ލިބޭ ބިދޭސީންގެ އަތުންވެސް ޓެކްސް ނެގޭނެ!

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުންވެސް އިންކަމް ޓެކްސް ނެގިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމާ ގުޅޭ އާންމު ސުވާލާއި ޖަވާބުގައި ފިނޭންސް މިނިސ...

11 Oct 2019 | 15:21

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުންވެސް އިންކަމް ޓެކްސް ނެގިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމާ ގުޅޭ އާންމު ސުވާލާއި ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ ދިވެއްސެއް ވިއަސް އަދި ބިދޭސީއެއް ވިއަސް އެމީހަކަށް އާމްދަނީ ލިބެނީ ރާއްޖެއިން ކަމަށްވާނަމަ އިންކަމް ޓެކްސް ނެގޭނެ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު ބިދޭސީންގެ އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންކަމުން އެ ބިލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފިނޭންސުން ވަނީ ދާދިފަހުން ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރެމިޓެންސް ޓެކުހަކީ ދިވެހިރާއްޖެއިން ބޭރަށް ދާ ފައިސާއިން ބައެއް، ދިވެހިރާއްޖޭގައި ހިފެހެއްޓުމުގެ މަގުސަދުގައި ނަގަން ފެށި ޓެކުހެއް ކަމަށެވެ. އެ ޓެކްސް ނަގަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ބޭންކު ނޫން މާލީ އިދާރާތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއިން ބޭރާށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާއިން ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ބޭރަށް ފޮނުވާ ނުވަތަ ގެންދާ ނަގުދު ފައިސާއިން މި ޓެކްސް ނަގައެވެ.

ރެމިޓެންސް ޓެކްސް ނަގަން ފެށުމާއެކު، ދިވެހިރާއްޖޭގައި ބޭންކުތައް ނުވަތަ އެހެނިހެން މަނީ ޓްރާންސްފާ އޭޖެންސީތައް މެދުވެރިކޮށް ބޭރަށް ފޮނުވާ ފައިސާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. މިއާއެކު، ރެމިޓެންސް ޓެކްސްގެ ސަބަބުން ތަކުލީފު ބޮޑުވީ އެންމެ މަދުން އާމްދަނީ ލިބޭ ބިދޭސީންނަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"އިންކަމް ޓެކުހަކީ ދޭސީއެއް ނުވަތަ ބިދޭސީއެއްވިޔަސް މި ގައުމުގައި ވަޒަންވެރިވެފައިވާނަމަ ދައްކަންޖެހޭ ޓެކުހެއް. އެހެންކަމުން އިންކަމް ޓެކުހުން ސަރުކާރުން ޓެކްސް ކުރަން ބޭނުންވާ ބިދޭސީ ވަޒީފާ އަދާކުރާ ފަރާތްތަކުން މާ ފުރިހަމަ ނިޒާމެއްގެ ދަށުން ޓެކްސް ކުރެވޭނެ،" ފިނޭންސުން ބުންޏެވެ.

ފިނޭންސުން މީގެކުރިން ބުނެފައި ވަނީ ސާޅީސް ހާހަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. ނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ. އެއީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ

މިސާލެއްގެ ގޮތުގައި ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 50،000 ރުފިޔާ ލިބޭނަމަ، އޭނާ ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި، 50،000 ރުފިޔާގެ ތެރެއިން 40،000 ރުފިޔާއަށް ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އަދި ބާކީ އޮންނަ 10،000 ރުފިޔާއިން %8 ގައި ޓެކްސް ހިސާބުކުރުމުން އަންނަ 800 ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

ސަރުކާރުން އެގޮތަށް ހުށަހެޅި ނަމަވެސް 40،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނުނަގާނެއެވެ. ނަމަވެސް 40،000އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 8 ޕަސެންޓު ނަގާނެއެވެ. އަދި 60،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 10 ޕަސެންޓު ނަގާއިރު 100،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ އަތުން އާމްދަނީގެ 15 ޕަސެންޓު ޓެކުހުގެ ގޮތުގައި ނަގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް