ޖޭޕީއާ ގުޅޭ މެންބަރުންނަށް ޒާތީ ބަސް ރައްދު ކުރަނީ ކުރާ އަސަރެއްގެ ބޮޑުކަމުން: ޖޭޕީ

ޖުމްހޫރީ ޕާޓީއަށް ދާދިފަހުން އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ޒާތީ ބަސް ރައްދު ކުރާ ބޭފުޅުން އެކަން ކުރަނީ "ހިތަށް ކުރާ" އަސަރެއްގެ ބޮޑު ކަމުން ކަމަށް އެޕާޓީން ބުނެފިއެވެ. ޖޭޕީއާ ދާދިފަހުން ވެ...

11 Oct 2019 | 14:46

ޖުމްހޫރީ ޕާޓީއަށް ދާދިފަހުން އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް ޒާތީ ބަސް ރައްދު ކުރާ ބޭފުޅުން އެކަން ކުރަނީ "ހިތަށް ކުރާ" އަސަރެއްގެ ބޮޑު ކަމުން ކަމަށް އެޕާޓީން ބުނެފިއެވެ.

ޖޭޕީއާ ދާދިފަހުން ވެސް ވަނީ މީގެކުރީގެ ރައްޔިތުން މަޖިލިސް މެންބަރުންތަކެއް ސޮއި ކުރައްވާފައެވެ. ހާއްސަކޮށް މީގެކުރީ ސަރުކާރު، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް ސަފުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް އޭގެތެރޭގައި ހިމެނެއެވެ. އެފަރާތްތަކުން ޖޭޕީއާ ގުޅުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށާއި އެޕާޓީއަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ ޖޭޕީއަށް ފަހަކަށް އައިސް ގުޅިވަޑައިގަންނަވާ ބޭފުޅުންނަކީ މުނިފޫހި ފިލިވުމަށް އެޕާޓީއަށް އައި ބައެއް ކަމާއި އަދި އެފަރާތްތަކާއި ޖޭޕީއާ ގުޅޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. މިހާތަނަށް އެޕާޓިއަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ވެސް އެޕާޓީގެ އިސް ސަފުގައި މީގެކުރިންވެސް ހަރަކާތްތެރިވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބޭފުޅުންގެ ތެރެއިން މީގެކުރިންވެސް ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ލީޑު ޕޮލިޓީޝަނުންވެސް ވަރަށް ހަރަކާތްތެރިކޮށް ޖޭޕީއަށް އެބަ ހިދުމަތް ކުރައްވާ. އަދި މެންބަރުން އިތުރު ކުރެއްވުމަށްވެސް އެބަ މަސައްކަތް ކުރައްވާ. ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ މިޕާޓީއަށް ކުރިއެރުން ގެނެސްދެއްވާނެ ބޭފުޅުން ކޮޅެއްވީމަ އެބޭފުޅުންނަށް ޒާތީ ބަސް ރައްދުކުރާ ބޭފުޅުން އެކަން އެ ކުރައްވަނީ ހަމަ ހަގީގަތުގައިވެސް ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުން،" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސިޔާސަތަކީ ދިވެހި ގައުމަށް އަބަދުވެސް ހެވާއި ލާބަ ގެނެސްދިނުން ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް އަބަދުވެސް ޖޭޕީން ވަކާލާތު ކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ދާދިފަހުން ވަނީ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްވެސް ގުޅިވަޑައިގެންފައެވެ. އަދި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީންވެސް އެޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވިއިރު ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހުވެސް ދާދިފަހުން ވަނީ ޖޭޕީއަށް ސޮއި ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް