ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވިއިރު އަރިހުގައި ދޮށީ ދަރިކަލުން ބައިވެރިކުރެއްވުމުން އެކަމަށް މީހުންގެ ފާޑިކިޔުންތައް އަމާޒުވުމުން އެކަން ހިނގާދިޔަ ގޮތް މިނިސްޓަރު ސާފު ކޮށްދެއްވައިފިއެވެ.
މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ވަޑައިގެންނެވީ، މި މަހުގެ 6-10 އަކަށް ޔޫއޭއީގެ ދުބާއީގައި ބޭއްވި "ޖިޓެކްސް ޓެކްނޮލަޖީ ވީކް" އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިނިސްޓަރު މާރިޔާ ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރު ސައިފް ބިން ޒައިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ވީޑިއޯ އާއި ފޮޓޯ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އާންމުކުރިއެވެ. އެ ވީޑިއޯއާ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި މިނިސްޓަރު މާރިޔާގެ އަރިހުގައި އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން އިންނެވި މަންޒަރުވެސް ފެނިގެން ދެއެވެ.
https://twitter.com/axanner/status/1182574313997787136?s=20
ބައެއް ފަރާތްތަކުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ދަރިކަލުން ބައިވެރި ކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި އާއިލީ މެންބަރުން ބައިވެރި ކުރެއްވޭތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
https://twitter.com/MariyaDidi/status/1182596522594033664?s=20
އެކަން ސާފު ކޮށްދެއްވާ މިއަދު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުބާއީއަށް ވަޑައިގަތުމާއި އެ ދަތުރުގެ އެއްވެސް ކަމަކާ ގުޅޭ ހަރަދެއް ދިވެހި ސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ސަރުކާރާ ގުޅުން ހުރި ދަތުރެއް ނޫން ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި އާއިލީ މެންބަރަކަށް ވެސް ދައުލަތުން ހަރަދު ކޮށްފައި ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް