ހ. އަންނާރުމާގެއިން މިއަދު މަރުވެފައި އޮއްވާ ފެނުނު ޒުވާނާއަށް އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި ނިދާފައި އޮތް މީހެއްގެ ހަބަރެއް ނުވެގެން ބެލިއިރު މަރުވެފައި އޮތް މައްސަލައެއް މިއަދު ހެނދުނު 10:24 ހާއިރު ހުށަހެޅުނު ކަމަށެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، މަރުވި މީހާގެ އަނގައިގެން ފޮނު އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޭނާގެ ނިތްކުރީގައި ތިލަކޮށް ކަނޑައިގެން ގޮސްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި ނިތްކުރީގައިވާ އަނިޔާ އަކީ މީހެއްގެ ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލާ ފާސްކުރަންޖެހޭ ކަންކަން ސާފުކޮށް މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުސައިން ހިޝާމް ރަޝީދު ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލާފައިވާ ކަމުގެ ދައުވާ އުފުލާފައިވާ އިސްމާއިލް ހައިޝަމް ރަޝީދުގެ ބޭބެއެވެ. އާއިލާއާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ހިޝާމް މަރުވެފައި ވަނީ ފިޓު ޖެހިގެންނެވެ.
އޭނާ މަރުވެފައި މިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިންނަށް ބިރު ދައްކައި ޖިސްމާނީ އަނިޔާ ކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް، އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުން ބުނެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް