މީހުންނަށް އިންޒާރު ދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނަން: ސީޕީ

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އަޅާ ފަދައިން، މީހުންނަށް އެކި ކަންކަމުގައި އިންޒާރު ދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދ...

11 Oct 2019 | 09:51

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އަޅާ ފަދައިން، މީހުންނަށް އެކި ކަންކަމުގައި އިންޒާރު ދޭ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ވެސް ފުލުހުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ހަމަ އެގޮތަށް، މީހުންނަށް އިންޒާރު ދީ އަދި އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރު ދޭ ފަރާތްތަކުގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ފުލުހުން މޮނީޓާ ކުރަމުން އަންނަ އިރު، އެ ފަރާތްތައް ދެނެގަތުމަށް އާންމުން އެފަދަ ކަންކަން ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް ކޮމިޝަނަރު ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

https://twitter.com/M_Hameedh/status/1182532277886050304?s=20

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައި މިވަނީ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް ފަރާތްތަކަކަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށް އެ ޖަމިއްޔާއިން ތުހުމަތު ކޮށްފައި ވަނިކޮށެވެ. އަދި އެ ޖަމިއްޔާއިން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ވެސް އެދިފައެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ސަސްޕެންޑު ކޮށްފައިވާ އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ފުލުހުން އަންނަނީ ތަހުގީގުވެސް ކުރަމުންނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މައްސަލަ ބަލާ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް