ކޭޝްކާޑާއި ލައިސަންސް ކާޑުގެ އިތުރު ގިނަ ހިދުމަތްތަކެއް ލިބޭގޮތަށް "ޕާސްޕޯޓް ކާޑު" ތައާރަފް ކޮށްފި އެވެ.
މި ކާޑު ތައާރަފް ކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކާޑު ތައާރަފް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކުގައި ބޭނުން ކުރެވޭ އެ ކާޑު ބޭނުން ކޮށްގެން، ބީއެމްއެލްގެ ކޭޝް ކާޑާއި، މާސްޓާ ކާޑު ބޭނުން ކުރެވޭ އޭޓީއެމް މެޝިން ތަކުން ފައިސާ ނެގޭނޭ ކަމަށާއި ވިޔަފާރި ކުރުމަށާއި، އޮންލައިން ވިޔަފާރި ކުރުމަށް އެ ކާޑު ބޭނުން ކުރެވޭ އިރު، އެލައިޑް އިންޝުއަރަންސަށްވެސް އެ ކާޑު ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވީ، އެ ކާޑަކީ، ސަލާމަތީ ގޮތުން ރައްކާތެރިކޮށް ހަދާފައިވާ ކާޑެއް ކަމަށާއި އަދި ޕާސްޕޯޓު ކާޑު އުފެއްދުމުގައި އެންމެ މުހިއްމު ކަމެއް ކަމުގައި ބަލާފައިވާނީ، ދިވެހިންގެ ޒަމާނީ ދިރިއުޅުމާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ ކާޑަކަށް ހެދުމަށާއި، ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ކާޑުގެ ފުރަތަމަ ކާޑު ރައީސް ޔާމީނަށް ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް