އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީ ހެކް ކޮއްލައި މުހިންމު ގިނަ މައުލޫމާތުތަކެއް ވަގަށް ނަގައިފިކަމަށް ދެކުނު ކޮރެއާގެ ގައުމީ މީޑިއާއިން ހާމަކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ ޑޭޓާބޭސްއިން 235 ޖީބީގެ މައުލޫމާތު ވަގަށް ނަގާފައެވެ. ވަގަށް ނަގާފައިވާ މައުލޫމާތު ތެރޭގައި އެމެރިކާއާއި ގުޅިގެން އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުންގެ އިތުރުން އޭނަގެ ސަރުކާރުގެ އިސް ވެރިން މަރާލަން ރާވާފައިވާ ގޮތުގެ ޕްލޭންއެއް ހިމެނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އުތުރު ކޮރެއާއިން ހަމަލާއެއް ދީފިނަމަ ކަންތައް ކުރާނެ ގޮތުގެ ޕްލޭންއަކާއި، ދެކުނު ކޮރެއާގެ ޕަވާ ޕްލާންޓް ތަކާއި އަޝްކަރީ ތަންތަނުގެ މައުލޫމާތު، ވަގަށް ނަގާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް މި ރިޕޯޓުތައް ބުނެއެވެ. މި ރިޕޯޓުތަކުގެ ސައްހަކަމާއި މެދު އެގައުމުގެ ޑިފެންސް މިނިސްޓްރީއިން އެއްޗެކޭ ބުނަން ވަނީ ދެކޮޅު ހަދާފައެެވެ.
އުތުރު އަދި ދެކުނު ކޮރެއާގެ މައްސަލަ ހޫނުވެ އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ކޮރެއާގެ މަޝްރަހު ހޫނުވެފައި މިވަނީ އުތުރު ކޮރެއާއިން ތަޖުރިބާ ކުރަމުން ގެންދާ ނިއުކްލިއާ އަދި ދުރުރާސްތާގެ މިސައިލްތަކުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް