ދެ ބޯޓު އުރިފައި --
ރޭ ސިނަމާލޭ ބްރިޖު ކައިރިއަށް އުރުނު ދެ ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
ދޫނިދޫ ކައިރީ އަޅާފައޮތް ދެ ތެޔޮ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށީ ރޭ ވިއްސާރައާއި އެކު ޖެހުނު ގަދަ ވަޔާއި އެކު އެވެ. ދެ ބޯޓު އޮޔާ ގޮސް ސިނަމާލޭ ބްރިޖު ކައިރިއަށް އުރުނު އިރު އޭގެ ތެރެއިން އެއް ބޯޓު ބްރިޖުގައި ޖެހި ބޯޓުގެ ދިގު ހޮޅިދަނޑިތަކެއް ބިންދައިގެންދާތަން އާންމުވި ވީޑީއޯތަކުން ފެނެ އެވެ.
މިރޭ އެމްއެންޑީއެފުން ބުނީ ރޭގައި އެ ދެ ބޯޓު ބްރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެެވެ.
އެމްއެންޑީއެފުން ބުނީ ތެޔޮއުފުލާ އެ ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓު ކަމަށެވެ. އަދި މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ ކަމަށް ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ މިދިޔަ އޭޕްރީލްގައި ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ދެ ބޯޓެވެ. މި ބޯޓު ހިފެހެއްޓުމަށް ފަހު މިހާތަނަށް އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެވެ.
ބޯޓު ބްރިޖުގައި ޖެހިފައިވާތީ ރެއާ މިއަދު ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަން އިންސްޕެކްޓުކޮށްފައިވެ އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ އެ ހާދިސާގައި ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޗައިނާގެ އެހީގައި ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނުން ޔަގީން ކުރެވިފައިވާ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް