ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އެފްއޭއެމް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
ފީފާއިން ބުނި ގޮތުގައި ބައްސާމް އުމުރަށް ސަސްޕެންޑު ކުރީ ކޮވިޑް-19ގެ ރިލީފް ފަންޑަށް ފީފާ އިން ދިން ފައިސާ އަމިއްލަ ފައިދާ އަށް ބޭނުންކުރި މައްސަލައިގައެވެ. މި މައްސަލައިގެ އިތުރު ތަފްސީލުތައްވެސް ފީފާއިން ހާމަކޮށްފައިވެ އެވެ.
އެގޮތުން ފީފާގެ ކޮވިޑް ރިލީފް ފަންޑުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން އެޕާޓްމަންޓެއް ގަތް ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށް ފީފާއިން މި މައްސަލައިގަ ނެރުނު ބަޔާނުގައިވެ އެވެ. އަދި އެކަން ސާބިތުވެ ބައްސާމްގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 122 ހާސް ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އޭނާގެ މައްޗަށް މި ނިންމުން އައީ ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި އެހީތެރިވުމާއި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކުރުން އަދި ފީފާގެ އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުން ކަމަށް ބުނެ އެވެ.
ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ މި މައްސަލައިގަ އޭނާ ގެންދަވަނީ ޖަލުހުކުމް ތަންފީޒު ކުރަމުންނެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ދޭތެރެއަކުން ގޭ ބަންދަށް ބަދަލު ކުރާއިރު މިހާރުވެސް ހުރީ ގޭ ބަންދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް