ވިއްސާރައިގަ އައްޑޫ ސިޓީގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މިއަދު ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮތީ ރީނދޫ އެލާޓު ނެރެފައި އެވެ. މެންދުރު 11:45 ން 1:00 އަށް ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮރެންޖު އެލާޓު ނެރެފައިވެ އެވެ.
އެންޑީއެމްއޭއިން ބުނީ މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ ވިއްސާރައިގަ ދެކުނުގެ ހަތަރު އަތޮޅުގެ ރަށްތަކަށް ގެއްލުން ލިބިގެން ރިޕޯޓު ކުރަމުންދާ ކަމަށެވެ. ހާލަތުި މޮނިޓާ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން، ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ބުންޏެވެ. އެހެންވެ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް