ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
އޮޔާ ދިޔަ ތެޔޮ ބޯޓުތަކެއް ސިނަމާލޭ ބްރިޖުގައި ޖެހުނު ހާދިސާގައި ބްރިޖުގެ ސްޓްރަކްޗަރަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.
ދޫނިދޫ ކައިރީ އަޅާފައޮތް ދެ ތެޔޮ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށީ ރޭ ވިއްސާރައާއި އެކު ޖެހުނު ގަދަ ވަޔާއި އެކު އެވެ. ދެ ބޯޓު އޮޔާ ގޮސް ސިނަމާލޭ ބްރިޖު ކައިރިއަށް އުރުނު އިރު އޭގެ ތެރެއިން އެއް ބޯޓު ބްރިޖުގައި ޖެހި ބޯޓުގެ ދިގު ހޮޅިދަނޑިތަކެއް ބިންދައިގެންދާތަން އާންމުވި ވީޑީއޯތަކުން ފެނެ އެވެ.
މި ހާދިސާ އާއި ގުޅިގެން ރެއާ މިއަދު ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރީ ބްރިޖު ހެދި ކުންފުނި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ކަމަށެވެ.
ބޯޓުތައް ބްރިޖުގައި ޖެހުނު ފާހަގަތައް ފިޔަވާ މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ބްރިޖުގައި ހުރި އެ ފާހަގަތައް މަރާމާތުކޮށް ރަނގަޅު ކުރުުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ ޗައިނާ އާއި ރާއްޖެއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ކައިރިން ކޮންޓްރޯލުން ނައްޓައިގެންދާ އުޅަނދެއްގެ ސަބަބުން ދެ ބުރިޖަށާއި ވެރިރަށް މާލެއާ ގުޅިފައިވާ މިފަދަ މުހިންމު އިންފްރާސްޓްރަކްޗަރަކަށް ގެއްލުން ވުމަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެގޮތުން، އޮޔާދާ އުޅަނދުފަހަރު ބުރިޖުތަކާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ލިބިގެންވާ ދެ ޓަގުބޯޓު ހޯދުމުގެ މަސައްކަތް އެމް.ޕީ.އެލް އިން މިހާރު ދަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި މި ޓަގުބޯޓުތައް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އަލުން މުރާޖައާކޮށް، ކޯސްޓްގާޑާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކުރާނެ ސާފު އުސޫލުތަކާއި އިޖުރާއަތްތައް އެކުލަވައިލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް