ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ...

10 Sep 2026 | 19:24
ދަތުރު ކުރާއިރު މޫސުމަށް ސަމާޅުވުމަށް އިލްތިމާސް ކުރޭ -- ފޮޓޯ: އެމްއެންޑީއެފް

ދަތުރު ކުރާއިރު މޫސުމަށް ސަމާޅުވުމަށް އިލްތިމާސް ކުރޭ -- ފޮޓޯ: އެމްއެންޑީއެފް

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާކަމަށެވެ.

އެހެން ކަމުން ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް އެދޭ ކަމަށެވެ. ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ސަމާލުކަން ދޭން އެދިފައިވެ އެވެ.

މީއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

އެ އިދާރާއިން ބުނީ ދަތުރު ކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެ ތިބުމަށް އެދޭ ކަމަށެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަން ދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ހަރަކާތްތައް އިންތިޒާމުކޮށް، ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ.

މިރޭވެސް ބޯކޮށް ވާރޭވެހި ވައި ޖެހެމުންދާއިރު ދޫނިދޫ ކައިރީގައި އަޅާފައި އޮތް ބޮޑޫ ތެޔޮ ބޯޓެއްގެ ނަގި ނައްޓާލައިގެން އޮޔާގޮސް ސިނަމާލޭ ބްރިޖު ކައިރިއަށް ވަނީ އުރިފައި އެވެ. އެ ބޯޓު ބްރިޖުގައި ޖެހޭތަންވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

އިއްޔެ ރެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް