ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި އެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތު އޮތީ ރޭ އިސްލާމީ މަރުކަޒުގައި އެވ...

10 Sep 2026 | 19:05
ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި އެވެ.

މި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތު އޮތީ ރޭ އިސްލާމީ މަރުކަޒުގައި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ބައިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ޤުރްއާނާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއްކަމަށް ވިދާޅުވި އެވެ.

އަދި ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ޤުރްއާނުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނައިބު ރައީސް ވިދާޅުވީ މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ޤުރްއާނަށް ކުދީންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަށް، މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްގެންގޮސްފައިވަނީ، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހުގައެވެ.

ސެމީ ފައިނަލް ބުރަށް ހޮވުނު 379 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި މަހުގެ 11 އިން 14 ގެ ނިޔަލަށެވެ. އަދި ފައިނަލް ބުރަށް ހޮވޭ 150 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި މަހުގެ 16 އިން 17 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް