ޒުވާންކަމުގެ އުމުރަކީ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އުމުރު: ޙުތުބާ

ޒުވާންކަމުގެ އުމުރަކީ ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އުމުރު ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅު ވެއްޖެއެވެ. އަދި ހަމަ އެފަދައިން ގޯސް މަގަކުން ދާން ބޭނުންވި ކަމުގައި ވިޔ...

11 Sep 2020 | 08:58

ޒުވާންކަމުގެ އުމުރަކީ ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އުމުރު ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅު ވެއްޖެއެވެ.

އަދި ހަމަ އެފަދައިން ގޯސް މަގަކުން ދާން ބޭނުންވި ކަމުގައި ވިޔަސް ދާން އެންމެ ފަސޭހަ އުމުރަކީ ވެސް ތިބާގެ ޒުވާން އުމުރު ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވީ ހިނދު ޚިޔާރުކުރަން ޖެހޭނީ ދީނުގައި އުޅުމަށް އަންގަވާފައިވާ ގޮތަށް ކަމަށް ވެސް މިއަދުގެ ޙުތުބާގައި  ިދާޅުވިއެވެ.

ޙުތުބާގައި  ވިދާޅުވީ އަޅުގަނޑުމެންގެތެރެއިން ހަމަ ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތް ކުރަން ވާނީ އަޅުގަނޑުމެންގެ ވެރި އިލާޙު އަންގަވާފައިވާ ގޮތަށް އުޅުން ބެހެއްޓުމަށް ކަމަށާއި އަދި އެ ގޮތަށް އަޅުގަނޑު މެންގެ އުޅުން ބެހެއްޓުމަކީ ލާޒިމު ކަމެއް ކަމުގައެވެ.

އަދި އެކަލާނގެ މުޅި އުންމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ސީރަތުގައި ހިފެހެއްޓުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ  ކަމެއް ކަމުގައިވެސް ޙިތުބާގައި ވިދާޅުވިއެވެ.

ޒުވާންކަމުގެ ނިޢުމަތުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ އިންސާނާގެ ޢުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިޢުމަތެއް ކަމަށެވެ.

އަދި އެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ޚާއްޞަ ގޮތެއްގައި ސުވާލުވެވޭނެކަމަށްވެސް ވިދާޅު ވިއެވެ.

ފަސް ކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ އަށް އަމުކުރެއްވި ހިނދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވަނީ މިފަދައިންނެވެ.

”މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!“ ޙިތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ޙުތުބާގައި ވަނީ އުފާ ފާޅުކުރުމާއި އެކަމާއި ގުޅުން ހުރި އެހެނިހެން ކަންތަކުގެ މައްޗަށް ވެސް އަލި އަޅުވާލާފައެވެ. އެގޮތުން ޙުތުބާގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އުފާ ފާޅު ކުރަން ވާނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށެވެ. އަދި އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާ ފާޅުކުރުމާއި، ދަތުރު ދިއުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާކުރާ ކަންކަމެއް ނޫންކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަންކަމުން ނަމޫނާ ދައްކަވާފައި ކަމަށް  ޙުތުބާގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އެކަލޭގެފާނު އުފާ ފާޅުކުރައްވާ ކަމަށާއި ބޮޑެތި މީހުންނާއި، ކުޑަކުދީންނާ ސަމާސާ ވެސް ކުރައްވާ ކަމަށާއި ހިތްތަކަށް އުފާވެރިކަން ވެސް ގެނެސް ދެއްވައެވެ.

އަދި މި ހުރިހާ ކަމެއް ކުރެއްވި އިރުވެސް   ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާ ކަމަށާއި ހުތުރު ބަސްފުޅެއް ވިދާޅުވެ ނުލައްވާ ކަމަށް ވެސް މިއަދުގެ ޙުތުބާގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް