މި ސަރުކާރުން ދަނީ އެއްވެސް އުސޫލެއް ނެތި މީހުން ވަޒީފާއިން ވަކިކުރަމުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އައްޑޫގައި މަގުހެދުމުގެ މަސައްކަތްކުރަމުންދިޔަ ޕަބްލިކްވޯކްސްގެ 127 ދިވެހިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ފަރާތްތަކަކީ ގައުމުގެ ތަރައްގީ އަށް ކުރި މަސައްކަތުގައި ވަރަށް ބުރަ މަސައްކަތްކޮށްފައިވާ ބޭފުޅުން ކަމަށެވެ. މިމުވައްޒަފުން ކުރި ކުށެއް ނެތް ކަމަށާއި ވަޒީފާ ގެއްލެނީ އެ މުވައްޒަފުން ކުރިކަމެއްގެ ސަބަބުން ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވަމުންދާކަމަށެވެ.
އަދި މުވައްޒަފުން ވަކި ކުރުމުގައި ސިޔާސީ ވިސްނުމަކުން ވަކިކުރަމުންދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުޑަހުވަދޫއިން 18 މުވައްޒަފުން ވަކިކުރި އިރު އެމްޑީޕީއަށް ނިސްބަތްވާ ތިން މީހުން ވަޒީފާއިން ވަކިނުކުރާ ކަމަށެވެ. ވެރިކަމަށް ވަޑައިގަންވަމުން ވިދާޅުވީ ވަޒީފާގެ ކަންކަމުގައި ސިޔާސީ ކުލައަކަށް ނުބަލާނެ ކަމަށާއި އެހެންނަމަވެސް ދެއްކި ވާހަކައާއި އަމަލާއި ދިމާނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުށްވެރިކުރަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި މިފަދަ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް އެއްވެސް ހައްގަކާނުލާ އަނިޔާވެރިކަމާ އެކީގައި ވަޒީފާއިން ވަކިކުރަމުންދާކުރުން. އަދި މިކަން ހުއްޓާލާ އެވަޒީފާތައް އިޔާދަކުރުމަށް އަޅުގަނޑުމެން ގޮވާލަން" މުއިއްޒު ވިދާޅުވިއެވެ.
އަދި މިގޮތަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޕީޕީއެމް ސަރުކާރެއްގައި އަލުން ވަޒީފާދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ދަނީ މާދަމާރޭ ބާއްވާ ރެލީ 'ދަވާލައިފި' ނަމުގައި ރެލީ އަށް ބާއްވަން ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް