ހުވަދޫ ސްކޫލުގައި ދަރިވަރުންނަށް ހޯމަ ދުވަހު ދިން ނާސްތާގައި ހިމެނޭ ސޭންޑްވިޗަކުން ފުޅަ ފެނުނު ކަމަށްބުނެ ދައުރުކުރި ވީޑިއޯގެ ހަގީގަތް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެދުވަހު ދަރިވަރުންނަށް ދިން ނާސްތާގައި މައްސަލައެއް ނެތްކަން މިނިސްޓްރީގެ ޓީމަކުން ބެލި ބެލުމުން އެނގިފައިވާކަމަށެވެ.
"ސަޕްލައި ކޮށްފައިވަނީ ހެނދުނު 06:35ގައި، ތާޒާކަން ކަށަވަރުކުރާ ކޮމިޓީން މިންގަނޑަށްފެތޭކަން ޔަގީން ކޮށްފައިވޭ، ނާސްތާ ނަގާފައިވަނީ 7:25ގައި، އެތަކެތި ސްކޫލުން އަނބުރާ ގެންދިޔައީ 7:45ގައި" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ވީޑިއޯއަކީ ބައެއް މުވައްޒަފުން ނާސްތާ ނަގަމުން ދިޔަ ވަގުތު އެބޭފުޅުންގެ ނާސްތާއިން ނެގި ވީޑިއޯއެއް ކަމަށް އެބޭފުޅުން ވިދާޅުވާކަމަށާއި ވީޑިއޯ ނަގާފައިވަނީ ނާސްތާ ނިމުނުތާ ދެ ގަޑިއިރު ފަހުން ކަމަށެވެ.
"ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަށް ފޯރުކޮށްދެވޭ ތަކެއްޗަކީ، ތާޒާ، ސިއްހީގޮތުން ފައިދާ ހުރި ތަކެތިކަން އަބަދުވެސް ކަށަވަރު ކުރަމުން ގެންދަން" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ދަރިވަރުންނާ ގުޅޭ މިފަދަ މުހިންމު ކަންކަމުގައި ކަން ހިނގާފައިވާގޮތަށް ނުބަލާ ޒިންމާދާރުކަން ކުޑަ ގޮތަކަށް މީޑިއާގައި މައުލޫމާތު ފަތުރަމުންދިއުމަކީ މިނިސްޓްރީން ނިހާތަނަށް ހިތާމަ ކުރާ ކަމެއްކަމަށާއި މާތް މަގްސަދެއްގައި ކުރެވޭ ކަމަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލިދާފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް