ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންގެ ގޮނޑި ގެއްލުވާލުމުގައި އިސްކޮށް ހުންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެއްޖެ އެވެ.
ގދ. ތިދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕީޕީއެމްއެއަށް ގެއްލުންދީ ޕާޓީ ނިކަމެތި ކުރީ އެ 13 މެންބަރުން ކަމަށެވެ. އޭގެ ތެރޭގައި ތިނަދޫއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހްމަދުވެސް ހިމެނިވަޑަިއގެންނަވާ ކަމަށް ވިދާޅުވެ އެ މެންބަރުންނަށް ފާޑު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މެންބަރުންނަށް ދުވަހަކުވެސް މައާފު ނުކުރައްވާނެކަމަށާއި އަދި ދުވަހަކުވެސް އެކަން ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މެންބަރުންގެ ގޮނޑި ގެއްލުވާލަން އިސްކޮށް ހުންނަވާ މަސައްކަތް ކުރެއްވީ ޕާޓީ ދޫކުރައްވާ މެންބަރުން ވަޑައިގެންނެވުމުން އޭގެ ބަދަލުގައި ކަމަށެވެ.
"ޕާޓީ އަށް މިއައި ނިކަމެތި ކަމަކީ އަޅުގަނޑު މި ޒައާމަތުގައި ހުރެގެން އެއްވެސް ގޮތަކަށް، ޕާޓީގައި ހުރެގެން ފަސޭހަކަމާ އެކު ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެން ޕާޓީ ދޫކޮށްލާފައި، ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ އެ މަސައްކަތަށް މާތް ﷲ ތައުފީގު ދެއްވި ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމް މެންބަރުންނަކީ އިހުލާސްތެރި ބަދަހި މެންބަރުން ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްއިން އެދިގެން މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން ނެވެ. އެ މައްސަލަ އެ މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ގޮތެއް ނުނިމެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް