މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޓިން ސެންޓަރެއް ރ. އުނގޫފާރުގައި ހުޅުވައިފި އެވެ.
އެ ސެންޓަރު މިއަދު ހުޅުވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދެވެ.
މީރާއިން ބުނީ މި ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ސެންޓަރެއް ކަމަށެވެ. މިހާރު މީރާގެ ހިދުމަތް ލިބޭ 13 ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުއްޓެވެ.
އުނގޫފާޜު ކަލެކްޓިން ސެންޓަރު ހުޅުވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު އިބްރާހިމް ވިދާޅުވީ ކުދި ވިޔަފާރިތަކަށް ނުއުފުލޭވަރުގެ ބުރައެއް ޖެއްސު،މަކީ މީރާގެ މަގުސަދު ނޫންކަމަށެވެ. ޔަޒީދު ވިދާޅުވީ ކުދި ވިޔަފާރިތައް ގާނޫނުގެ ތެރެއަށް ވެއްދުމަކީ މަގުސަދު ކަމަށެވެ.
ކުދި ވިޔަފާރިތަކަށް ދަތިކޮށް، ނުއުފުލޭވަރުގެ ބުރައެއް ޖެއްސުމަކީ މީރާގެ މަގްސަދެއް ނޫން. ކުދި ވިޔަފާރިތަކަށް ގާނޫނާ ގަވާއިދުގެ ތެރެއިން ދެވެންހުރި ހުރިހާ ލުއިތަކެއް ދީ، އެހީތެރި ވެދޭނަން. އެގޮތުން، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ހާއްސަ ކެމްޕޭނުގެ ދަށުން، އޮކްޓޯބަރު 27 ގެ ނިޔަލަށް ޓެކުހާ ގުޅޭ އެންމެހާ ޖޫރިމަނާތައް މާފުކޮށްދެމުން އެބަ ގެންދަން،" ޔަޒީދު ވިދާޅުވި އެވެ.
އުނގޫފާރު ގައި ހުޅުވި ކަލެކްޝަން ސެންޓަރުން ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް