ބޮލީވުޑްގައި 1998 ވަނަ އަހަރު ރިލީޒް ކުރި "ކުޗު ކުޗު ހޯތާ ހޭ" ގެ ދެ ވަނަ ބައެއް ހަދަން ބޭނުންވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ކަރަން ބުނީ އެ ފިލްމުގެ ދެވަނަ ބައެއް ހަދާނަމަ ތަރިންގެ ގޮތުގައި ހިމަނަން ބޭނުންވާ ތަރިންވެސް އަމިއްލައަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ޖާންވީ ކަޕޫރެވެ.
އެކަމަކު އެ ފިލްމުގެ ދެވަނަ ބައެއް ހަދާނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ ކަމަށް ބުނެފައިވެ އެވެ. ކަރަން ބުނީ ދެވަނަ ބައެއް ހަދާނަމަ އެ ފިލްމުގެ އަސްލު ވާހަކަ ހިމަނައިގެން ހަދަން ބޭނުން ނުވާކަމަށެވެ. އޭގެ ސަބަބެއް ނުބުނެ އެވެ.
ކަރަން ބުނީ އޭނާ ޑައިރެކްޓު ކޮށްފައިވާ އަދި ބޮލީވުޑްގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމުތައް ކަމަށްވާ "ކުޗު ކުޗު ހޯތާ ހޭ" އާއި "ކަބީ ހުށީ ކަބީ ގަމް" ގެ ވާހަކަ އަކީ ކީއްވެ ލިޔުނު ވާހަކަތަކެއް ކަމެއް އަދި އޭނާގެ ހިޔާލަށް ކިހިނެތް އައި ވާހަކަތަކެއް ކަމެއް މިހާރު ހިތަށްވެސް ނުގެނެވޭ ކަމަށެވެ. ދުވަހަކުވެސް އެފަދަ ވާހަކަތަކެއް ދެން އޭނާއަށް ނުލިޔެވޭނެ ކަމަށް ބުނެފައިވެ އެވެ.
ކަރަން ދެން އެންމެ އަވަހަށް ޑައިރެކްޓް ކުރާނެ ފިލްމު ކަމަށް އިއުލާނުކޮށްފައިވަނީ "ތަހްތް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް