ސިލްސިލާ ވާހަކަ: ޒާރާ – ވިހިވަނަ ބައި

ޒާރާ ނިދީގައި ފުރޮޅިލާން މަސައްކަތް ކުރުމުގެ ތެރޭގައި އައިވީ ގުޅާފައިވާ އަތް އުފުލާލިއެވެ. ބޭއިޚްތިޔާރުގައި އެއަތުގައި އިމްރާންނަށް ހިފަހައްޓާލެވުނީ ގުޅާފައި އައިވީ ކައްޓަށް ބާރުވެ، ޒާރާއަށް ތަދު ވެދާ...

11 Aug 2020 | 08:06

ޒާރާ ނިދީގައި ފުރޮޅިލާން މަސައްކަތް ކުރުމުގެ ތެރޭގައި އައިވީ ގުޅާފައިވާ އަތް އުފުލާލިއެވެ. ބޭއިޚްތިޔާރުގައި އެއަތުގައި އިމްރާންނަށް ހިފަހައްޓާލެވުނީ ގުޅާފައި އައިވީ ކައްޓަށް ބާރުވެ، ޒާރާއަށް ތަދު ވެދާނެތީއެވެ. އެވަގުތު ޒާރާގެ ލޯ ހުޅުވާލިއެވެ. ގާތުގައި އިނީ ޒައިދުކަމަށް ހީކުރެވުނެވެ.

''ޒައިދު.... މަންމަ ނާދޭތަ..... ކޮބާ ބައްޕަ.....'' ޒާރާ އަށް އިމްރާންގެ އަތުގައި ހިފާލެވުނެވެ.

އިމްރާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ޒާރާގެ ފިނި ފިނި އަތްތިލަ އިމްރާން ގެ އަތުގެތެރެއަސް ލާ ފިއްތާލެވުނެވެ. އިމްރާންގެ މި ހަރަކާތުގެ ސަބަބުން ޒާރާއަށް އޭނާގެ އަތް ދަމައިގަނެވުނެވެ. އިމްރާން ގެ މޫނަށް ބަލާލެވުމާއެކު ތެދުވެވުނެވެ. އަދިވެސް އެއްފަހަރު އިމްރާންގެ މޫނަށް ބަލާލެވުނެވެ. އެއީ ޒައިދު ނޫންކަން ޔަޤީން ކޮށްލުމުގެ ގޮތުންނެވެ. ޒާރާގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. މޫނުމައްޗަށް އެތައް ކުލައެއް އަރާފައިބައިގެން ދިޔައެވެ. އިމްރާން ކަޅިޖަހާނުލާ ބަލަމުން ދިޔައީ ޒާރާގެ މޫނަށެވެ.

''މިތާ ކީއްތިކުރަނީ....'' ޒާރާ ގެ އަޑު ނިކުތީ އުނދަގުލުންނެވެ.

''ޒާރާގެ މަންމަ ބުނެގެން މިތާ މި މަޑުކޮށްލީ...މަންމަ ވެއްޖެ ބޭރުގަ.... '' އިމްރާން ނުހަނު އޯގާތެރި ކަމާއެކުގައި ވާހަކަ ދެއްކިއެވެ.

''މިތަނުންދޭ.... މަންމަ ބުންޏަސް އިމްރާން ނުޖެހޭނެ މިތާ މަޑުކުރާކަށް....'' ޒާރާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޒާރާގެ ބަސްތަކުން އިމްރާންނަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. ޒާރާގެ ހަށިގަނޑަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ތުންފަތުގައި ވަނީ ހިތްގައިމު ހިނިތުންވުމެކެވެ.

''ޒާރާ ...'' އިމްރާން ނުހަނު ލޯބިން ގޮވާލިއެވެ. ޒާރާ އަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އިމްރާން އިން ފަރާތަށް އެނބުރިވެސް ނުލާ ހަމަ އެއިން ގޮތަށް އިނީއެވެ.

''ޒާރާ....އަހަރެންގެ ކޮންކުށެއް އޮތީ...ތިހާ ރުޅިއަންނާކަށް ނުވާނެ.....ވާހަކަ ވެސް ނުދައްކާނަންތަ......'' އިމްރާން ސުވާލު ކޮށްލިއެވެ.

''އިމްރާންގެ ކުށަކީ މިތާ މިވަގުތު އިނުން... މިތަނުން ދޭ...'' ހިތްހަމަކުޖެހިފައިވާކަން ޒާރާގެ އަޑުން ހާމަވެއެވެ.

އިމްރާން އިންތަނުން ތެދުވެއްޖެއެވެ. ބަސް އަހާ ކުޑަކުއްޖެއް ފަދައިން ވޯޑުން ނިކުތުމަށްޓަކައި ހިނގައިގަތެވެ.

''އިމްރާން....'' އިމްރާންގެ ދެފައިގައި ކަސްތަޅު އެޅުނު ފަދައެވެ. ކުރިއަށް އަޅަމުން ގެންދިޔަ ފިޔަވަޅިތައް ހުއްޓުނީ ޒާރާ ގޮވާލިހެން ހީވުމުންނެވެ. ފަސްއެނބުރި ބަލާލެވުނެވެ. ޒާރާ އިނީ އިމްރާން ގެ މޫނަށް ބަލާށެވެ.

''ގޮވިންތަ....'' އެނދު ކައިރިއަށް އިމްރާން ޖެހިލިއެވެ. ޒާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ހަމަހިމޭންކަން އެ ދެމެދުގައި ރަސްކަން ކުރަމުން ދާންފަށައިފިއެވެ. ދެންވެސް ވާހަކަދެއްކީ އިމްރާން އެވެ.

''ޒާރާ ގޮވިހެން ހީވާތީ.... އެއީ ކުށް ހީ އަކަށް ވަންޏާ އަހަށްނަށް މާފުކުރޭ.... މިދަނީ.....'' އިމްރާ އެނބުރިލީ އައިކޮޅަށް ދާށެވެ.

''ގޮވިން....'' ޒާރާ އިސްޖަހާލިއެވެ. އިމްރާގެ ހިތް އުފަލުން ފުރުނެވެ. ހިނިތުންވެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ޒާރާ ބުނަން އެއުޅެނީ ކޮންވާހަކައެއް ބާވައެވެ. ޒާރާ ކޮންމެ ވާހަކައެއް ބުންޏަސް އިމްރާން އަޑު އަހާނެއެވެ.

''ކިހިނެއްވީ ޒާރާ..... ބުނޭ އަވަހަށް....'' އިމްރާން އިށީދެލީ ކުރިންވެސް އޭނާ އިށީދެއިން ގޮނޑީގައެވެ. ހަމަޖެހިލަމުން ޒާރާގެ ދޮން މޫނަށް ނަޒަރު ހުއްޓާލިއެވެ. ލޯބިން ފުރިފައިވާ ބެލުމެކެވެ. ޒާރާ އަށް އިމްރާންގެ ބެލުމުން އުނދަގޫ ވާން ފެށިއެވެ.

''އިށީންނާކަށް ނުބުނަށް... އިމްރާންގެ ފޯނުން ޒައިދުއަށް ގުޅާލަދެވިދާނެތަ....'' ޒާރާގެ ރާގުގައިވަނީ އާދޭހެވެ. ހިތްދަތިކަމެވެ. ޒައިދުއަށް ގުޅާލަން ބުނުންވީ އިމްރާންގެ ހިތުގައި ސުވާލު އުފެއްދި ކަމަކަށެވެ. ސަބަބަކީ ޒާރާގެ މަންމަ ޒާރާ ގާތަށް އައިސް ހުރި ދަނޑިވަޅެއްގައި މަންމަ އަށް ގުޅާލަން ޒާރާ ބުނުމުގެ ބަދަލުގައި ޒައިދުއަށް ގުޅަން ޒާރާބޭނުން ވީމައެވެ. އަދި އެ މަންމަ ދިޔައީ ކޮންތާކަށްތޯވެސް އަހާނުލީމައެވެ. މިފަދަ ދަނޑިވަޅެއްގައި ޒާރާއަށް އެންމެ ބޭނުންވާނީ މަންމަގެ އެހީތެރިކަން ކަމާމެދު އިމްރާން ޝައްކެއް ނުކުރެއެވެ. ސުވާލުތައް އެއްފަރާތް ކޮށްލުމަށްފަހު އިމްރާން ޖީބުން ފޯނު ނަގާ ޒާރާ އާ ދިމާލަށް ދިއްކޮށްލިއެވެ.

''އަން......'' އިމްރާގެ މޫނަށް ޒާރާއަށް ބަލާލެވުނު ވަގުތަކީ އިމްރާންވެސް ޒާރާގެ ރީތި ދެލޮލަށް ބަލަންހުރި ވަގުތެކެވެ. އިމްރާން ފޯނު ދިއްކޮށްލައިގެން ހުރި އިރު، އެ މޫނުމަތީގައި ހުރީ އުފާވެރިކަމެވެ. ތުންފަތް މަތީގައިވާ ހިނިތުންވުން ހާއްސަކުރެވިފައިވަނީ ހަމައެކަނި ޒާރާ އަށެވެ.

ޒާރާގެ ހިޔާލީ ސްކްރީންގައި އެނބުރިގަތީ އާދިލްގެ ހަނދާންތަކެވެ. އާދިލްގެ ތަސްވީރު ލޯ ކުރިމަތިން ފެންނަން ފެށިކަހަލައެވެ.

އާދިލް އާ ދިމާވި ފުރަތަމަ ހާދިސާ ސިފަކުރެވުނެވެ. އާދިލްވެސް ހަމަ އެގޮތަށް ޒާރާގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ގޮތެވެ. އާދިލްގެ ހަނދާންތައް އާވުމާއެކު، ހިތްދަތިކަން ޒާރާގެ ހިތަށް ތަދުކޮށްފިއެވެ. އާދިލް އަށް ވީގޮތެއް އެނގެން އޭނާ ކިތައްމެހާވެސް ބޭނުމެވެ. ޒައިދަށް ގުޅަން ބޭނުންވާ އެންމެބޮޑު ސަބަބަކީވެސް އެއީއެވެ. އާދިލްގެ ހަބަރެއް އޮޅުން ފިލުވުމަށް މަގުފަހިކުރުމެވެ.

''ޒާރާ.... މިއޮތީ ފޯނު......'' އިމްރާން ހަމަ އެހުރިގޮތަށް ފޯނު ދިއްކޮށްލައިގެން ހުއްޓެވެ.

ޒާރާ ފޯނުގައި ހިފިއެވެ. ޑިސްޕްލޭގައި އަތްތިލަ ޖެހުމާއެކު ޑިސްޕްލޭ ދިއްލުނެވެ. ފޯނުގެ ޑިސްޕްލޭއިން ފެންނަންއިނީ ފޮޓޯއެކެވެ. އެ ފޮޓޯގައި ވަނީ ދޮންވެލި މަތީގައި ކުރަހާފައިވާ ހިތެކެވެ. އެ ހިތުގެ ތެރޭގައި ޒެޑް އަކުރެއް ލިޔެފައެވެ.

އަވަސް އަވަހަށް ޒައިދުގެ ނަމްބަރު ޖަހާ، ޑައިލް ކޮށްލިއެވެ. ޒައިދު ފޯނެއް ނުނެގިއެވެ. ތަކުރާރުކޮށް ގުޅުމުންވެސްމެއެވެ.

''ދަރިފުޅާ.... އެއްޗެއް ކާންވީނު .......'' ހެވިދިލިފައި ހުރި ނާޒިމާ އައިސް އިށީނދެލީ ޒާރާގެ ގާތުގައެވެ. ނުހަނު އޯގާތެރިކަމާއެކު ޒާރާގެ ފައިގައި ފިރުމާލިއެވެ. އަތުގައި ހުރި ކޮތަޅުތައް އިމްރާން އާ ދިމާލަށް ދިއްކޮށްލަމުން ކައިރީގައި ހުދި ކަބަޑުމަތީ ބެހެއްޓުމަށް އޭނާ އެދުނެވެ.

މަންމަގެ މޫނަށް ޒާރާ ބަލާލިއެވެ. ޒާރާގެ ހާލުވެސް މަންމަ އަހާނުލިއެވެ. އެއީ ކީއްވެ ހެއްޔެވެ.

''ބައްޕަ ކޮބާ....'' ޒާރާ އަށް އަހާލެވުނީ މުޅިން އެހެން ވާހަކައެކެވެ.

''ބައްޕަ އަރާމުކޮށްލަން ގޭގަ ބަހައްޓާފަ މަންމަ މި އައީ..... އެހެންނޫނަސް އިމްރާން މިހުރީނު.... މިހާރު މިއީ ދަރިފުޅުމެން ދެކުދިން ގިނައިން އެކުގައި އުޅެ އެކަކު އަނެކަކަށް ދަސްކުރުމުގެ ވަގުތު .... ކައިވެނި ކުރުމުގެ ކުރިން ދެކުދިންވެސް ވާނެ އެއްކުއްޖަކު އަނެއްކުއްޖެއްގެ މިޒާޖު ދަސްކުރަން.... އެހެންނޫނަސް މަންމަ އަށް އިމްރާން އާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް.... '' ނާޒިމާގެ ވާހަކަ ކުރުކޮށްލީ ވޯޑްތެރެއަށް ވަދެގެން އަންނަ ސަރީފާ ގެ ދެމަފިރިން ފެނުމުންނެވެ.

ނުނިމޭ – އާ ބައެއް 13 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް