ކެނޯއެއްގައި ނިކުތް ފުލުހަކާއި އިތުރު މީހަކު ގެއްލިގެން ހޯދަނީ
އިރު އޮއްސެން އުޅެނިކޮށް ވިލިމާލޭ ބީޗް ސަރަހައްދުން ކެނޯއެއްގައި ނިކުތް ފުލުހަކާއި އިތުރު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހަވީރު 05:00 ހާއިރު ވިލިމާލެ ބީޗް ސަރަހައްދުން އޮރެންޖް ކުލައިގެ ކެނޯއެއްގައި ދިޔަ ދެމީހަކު ގެއްލިގެން މެރިން ޕޮލިސް އާއި ކޯސްޓްގާޑް ގުޅިގެން މި ދެމީހުން ހޯދުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ގެއްލިގެން ހޯދަމުން އަންނަނީ 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެ މީހުންގެ ތެރެއިން އެކަކީ ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ވަޒީފާ އަދާކުރަމުން އަންނަ ޕޮލިހެކެވެ.
މި ދެމީހުން އެ ސަރަހައްދުގައި ކެނޯގައި އުޅުނު މަންޒަރު 05:15 އާއި 05:30 އާއި ދެމެދުވެސް ބަޔަކަށް ފެނުނު ކަމަށް ވެއެވެ. އަދި އެ ވަގުތަކީ ބޯ ކެރިގަނޑެއް އައި ވަގުތެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅިވީ ވިލިމާލެއިން ކެނޯއެއްގައި ނިކުތް ދެމީހަކު ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ކޮޑްރަންގެ ފާސްޓަރ އިންޓަސެމޕްޓަރ ކްރާފްޓް (ވެލާނާ) ލޯންޗް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:54 ހާއިރު" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ދެ މީހުން ހޯދުމަށް ކޯސްޓްގާޑް ލޯންޗްގެ ނައިޓްވިޒަން ކެމެރާ ބޭނުންކޮށްގެން ކަނޑު ސާފޭސް ބަލަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް