މި ބޮޑު ޢީދުގައިވެސް ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ.
މިދިޔަ ފިޠުރު ޢީދު ދުވަހު ރާއްޖޭގެ އަށް ރަށެއްގައި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ބީއެމްއެލް އިން އިންތިޒާމް ކުރި އީދު ސަޔަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖްތިމާއީ ގުޅުމުގެ ބަދަހިކަން މި ސައި ބޭއްވުނު ރަށްތަކުން ވަނީ ފެނިގެން ގޮސްފައެވެ. ކުޑަ އީދު ވިޔަސް އަދި ބޮޑު އީދު ވިޔަސް އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަމެވެ.
މި އެކުވެރިކަން އާލާކޮށް، މުޖުތަމުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި އަޟްޙާ ޢީދު ދުވަހުވެސް، ބީއެމްއެލް އިން މިވަނީ 10 ރަށެއްގައި އީދު ސައި ބާއްވާފައެވެ. މިސައި ބޭއްވުނީ ކުޑަ އީދު ދުވަހު ސައި ބޭއްވި ރަށްތައް ނޫން މުޅިން އާ ރަށްތަކެއްގައެވެ. މިރަށްތަކަކީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫ އެވެ. އީދު ސައި އިންތިޒާމްކޮށްފައިވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ.
އީދު ސަޔާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕްބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ކުޑަ އީދުގައި ބީއެމްއެލް އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އީދު ސައި ވެގެން ދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށް ކަމަށާއި ކުދިބޮޑު އެންމެން ބައިވެރިވެ އެއްކޮށް ސައިބޮއި، ވާހަކަ ދައްކާ މަންޒަރު އެ ރަށްތަކުން ފެނިގެންދިޔަކަމީ ބޭންކުން މި ހަރަކާތް ރޭވުމުގެ މަގްސަދު ފުރިހަމަވެގެން ދިޔަކަމަކަށް ކަމަށެވެ.
"އެހެންކަމުން މި އީދުގައިވެސް ބީއެމްއެލް އިން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރި ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއް. މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާ ތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. " ސަޢީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް