ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއް ގެއްލިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި، ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓު ފަޅުތެރޭ އަޅާފައި އޮތް "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލި...

11 Aug 2019 | 04:42

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި، ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓު ފަޅުތެރޭ އަޅާފައި އޮތް "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:10 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ދަނީ އެ ދޯނި ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިގުމިނުގައި 75 ފޫޓު ހުރި ސަޕްލައި ދޯންޏެކެވެ. މި ދޯނީގެ ބޭރުގައި ހުދުކުލަ ލާފައިވާއިރު ވަށައިގެން ނޫކުލައިގެ ފަށެއް ދަމާފައި ހުންނާނެކަމަށް ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. މި ދޯނި ގެއްލުނު އިރު އެއްވެސް މީހަކު ދޯނީގައި ހުރިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އެ ރިސޯޓުން މަޢުލޫމާތު ދިންގޮތުގައި ރޭ މެންދަމު 02:00 ހާއިރު ވެސް އެ ދޯނި ފައްތިޔަލުގައި އޮތްކަމަށާއި ދޯނި ގެއްލިފައިވާކަން ފާހަގަކުރެވުނީ ރޭ ފަތިހު 05:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ "ނޫރު" ދޯނީގެ ޚަބަރެއް ވޭތޯ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދެއްވުމަށާއި މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެމްއެންޑީއެފުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް