ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2019 ގެ މިއަދު ކުޅެވުނު 2 މެޗް ނިމުނުއިރު ސެމީފައިނަލްގެ އުންމީދު ބޮޑުކޮށްފައިވަނީ ގުރޫޕްއޭގެ އެފް.ސީ މެގަ ކަޅު އަދި ގްރޫޕް ބީ ގެ ކްލަބް ބްރޯކާސް އެވެ.
މިއަދު ކުޅެވުނު ފުރަތަމަ މެޗްގައި ވާދަކުރީ އެފް.ސީ މެގަ ކަޅު އަދި އެންޖީ ސްޕޯރޓްސް އެވެ. މި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސަޕޯޓަރުންގެ ގަދަ އަޑާއެކު ފޯރިގަދަވި މި މެޗްގައި އެފް.ސީ މެގަ ކަޅުގެ ލަނޑުތައް ކާމިޔާބުކުރީ ޖާރޒީ ނަންބަރު 11 އާދަމް ސަލީމް އަދި ޖާރޒީ ނަންބަރު 4 މުޙައްމަދު ތަސްނީމެވެ. އެންޖީ ސްޕޯރޓްސްގެ ލަނޑުތައް ކާމިޔާބުކުރީ އެޓީމްގެ ޖާރޒީ ނަންބަރު 14 އިބްރާހީމް ފުއާދު އަދި ޖާރޒީ ނަންބަރު 17 އަޙްމަދު ނިޝާނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް.ސީ މެގަ ކަޅުގެ ޖާރޒީ ނަންބަރު 4 މުޙައްމަދު ތަސްނީމެވެ.
މިއަދު ކުޅެވުނު 2 ވަނަ މެޗްގައި ވާދަކުރީ ކްލަބް ބްރޯކާސް އަދި ގޭދޮށު ޓީމެވެ. މި މެޗް 3-1 އިން ކާމިޔާބުކުރީ ކްލަބް ބްރޯކާސް އެވެ. ކްލަބް ބްރޯކާސްގެ ލަނޑުތައް ކާމިޔާބުކުރީ އެޓީމްގެ ޖާރޒީ ނަންބަރު 4 އަޙްމަދު ޝަކީބް، ޖާރޒީ ނަންބަރު 22 އަޙްމަދު ނަސީމް އަދި ޖާރޒީ ނަންބަރު 3 ޢަލީ ނަވާޒެވެ. ގޭދޮށު ޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެ ޓީމްގެ ޖާރޒީ ނަންބަރު 17 އަޙްމަދު ނަޝީދެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް ބްރޯކާސްގެ ޖާރޒީ ނަންބަރު 22 އަޙްމަދު ނަސީމެވެ.
މިއަދުގެ މެޗްތައް ނިމުމުން ޕޮއިންޓް ޓޭބަލް މިހާރު އޮތްގޮތުން ގުރޫޕް އޭ އިން ސެމީ ފައިނަލަށް ދިޔުމުގެ ފުރުޞަތު ބޮޑުކޮށްފައިވަނީ ކުޅުން 2 މެޗުން 4 ޕޮއިންޓް ހޯދައި ފައިދާ 1 ގޯލާއެކު އެފް.ސީ މެގަ ކަޅުއެވެ. އެ ގްރޫޕްގެ ދެވަނައިގާ މިވަގުތު އޮތީ 1 ޕޮއިންޓާއެކު އެންޖީ ސްޕޯރޓްސްއެވެ. ގްރޫޕް ބީ ގެ 1 ވަނައިގާ މިވަގުތު 4 ޕޮއިންޓާއި ފައިދާ 2 ގޯލާއެކު އޮތީ ކްލަބް ބްރޯކާސް އެވެ.
މާދަމާ ކުޅޭ 2 މެޗް ނިމުމުން މި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ ޓީމްތައް ކަނޑައެޅިގެންދާނެއެވެ. ޕޮއިންޓް ޓޭބަލް މިވަގުތު އޮތްގޮތުން ސެމީފައިނަލަށް ދިޔުމުގެ ފުރުޞަތު ހުރިހާ ޓީމްތަކަށްވެސް އޮތުމާއެކު، މާދަމާގެ 2 މެޗްވެސް އިންތިހާއަށް ފޯރި ގަދަވާނެކަމަށް ޔަޤީންކުރެވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ 'ދުވަސް' އޮންލައިނެވެ. ޗެމްޕިއަން ޓީމަށް 20,000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މި އަހަރުގެ މުބާރާތަށް ގިނަ ފަރާތްތަކުންވަނީ ސްޕޮންސަރ ކޮށްފައެވެ. މިގޮތުން މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ؛ އެލް.އޭ ރިޒޯޓްސް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)، ހުޅުމާލެ ސޯމިލްސް، އޭބީސީ ކޮންސްޓްރަކްޝަން، ވައިޓް މާކަނާ ލޮޖް (ކެޔޮދޫ)، ޖުޕިޓަރ ސަންރައިސް ލޮޖް (ކެޔޮދޫ)، ދިލްޝާދު މާރޓް (ކެޔޮދޫ)، ތިން ފައްދަނޑި ކެފޭ (ކެޔޮދޫ) އެވެ. މި އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް 13 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މުބާރާތް ފެށުމުން ކޮންމެ ދުވަހަކުވެސް ‘ދުވަސް’ މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ. ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މުބާރާތުގެ ފޮޓޯއާއި މައުލޫމާތު އަޕްލޯޑްކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް