ކޮކްޓައިލް ސަރުކާރެއްގެ ފޮނި މީރުކަން އެއްމެ ބޮޑަށް ލިބުނީ ސައީދަށް: އެމްޕީ އަބުޅޯ

ކޮކްޓައިލް ސަރުކާރެއްގެ ވާހަކަ ދައްކަން މިނިސްޓަރު ސައީދު ލަދުގަންނަންޖެހޭ ކަމަށާއި ކޮކްޓައިލް ސަރުކާރެއްގެ ފޮނިމީރުކަން އެއްމެ ބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅަކީ މިނިސްޓަރު ސައީދުކަމަށް ތިނަދޫ ދެކުނު...

11 Aug 2018 | 15:00

ކޮކްޓައިލް ސަރުކާރެއްގެ ވާހަކަ ދައްކަން މިނިސްޓަރު ސައީދު ލަދުގަންނަންޖެހޭ ކަމަށާއި ކޮކްޓައިލް ސަރުކާރެއްގެ ފޮނިމީރުކަން އެއްމެ ބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅަކީ މިނިސްޓަރު ސައީދުކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު  ( މެމްބަރު އަބުޅޯ ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަބުޅޯ ވިދާޅުވީ " ކޮކްޓެއިލް ސަރުކާރެއްގެ ވާހަކަ މިނިސްޓަރ ސައީދު ދައްކަން ލަދު ގަންނަންޖެހޭ. ކޮކްޓައިލް ސަރުކާރެއްގެ ފޮނިމީރުކަން އެއްމެ ބޮޑަށް ލިބުނީ ސައީދަށް. މަގާމާއި ޖަހާއި އިއްޒަތާއި ނުފޫޒަށް ފެންބޮވައިގަތަސް ތީ ބޮޑުވަރު." ކަމަށެވެ.

ދާދިފަހުން 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވިކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި އޮތީ " ދެމިގެންދާ ގެއްލުމެއް ރާއްޖެއަށް ވެގެންދާނެ އެމްޑީޕީ ފިކުރުގެ ވެރިކަމެއް ބިނާކޮށް، ކޮކްޓެއިލް ވެރިކަން ކުރަން އުޅޭނަމަ، މި ގައުމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ" ކަމަށެވެ.

މިނިސްޓަރ ސައީދު އިކޮނަމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ކޯލިޝަނަކުން ވެރިކަމަށް އައި މި ސަރުކާރުގެ ތެރެއިން ޖުމުހޫރީ ޕާޓީއަށް ލިބުނު ސްލޮޓެއްގައެވެ. މިނިސްޓަރު ސައީދު އޭރު ފާހަގަވެގެންދިޔައީ އާދަޔާ ޚިލާފަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކޯލިޝަނަކުން ވެރިކަމަށް އައި ސަރުކާރާއި ކޯލިޝަން ޕާޓީތަކާއި މައްސަލަޖެހި ޖުމްހޫރީޕާޓީ ކޯލިޝަނުން ވަކިވުމުންވެސް ސައީދު ޚިޔާރުކުރެއްވީ ޕީޕީއެމްއާއި ގުޅިވަޑައިގެން މިނިސްޓަރުކަމުގެ މަގާމުގައި ދެމި ހުންނަވާށެވެ. މިނިސްޓަރު ސައީދު މިހާރު ގެންދަވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ފޯރިގަދަވަމުންދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ދޭ ބަހުގެ ހަމަލާތައް ދަނީ ހޫނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް