ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭނު ދަތުރުފުޅުތަކުގައި އެކި ރަށްރަށަށް އަދި ރާއްޖެއިން ބޭރަށް ދަތުރުފުޅުތައް ކުރައްވަމުން އަންނައިރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހްގެ ސުވާލުތަކެއް ޑރ. ޝަހީމަށް އަމާޒު ކުރައްވައިފި އެވެ.
އެގޮތުން ޓްވިޓާ މެދުވެރިކޮށް އަމާޒުކުރައްވާފައިވާ ސުވާލުތަކުގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ ޒިންމާ އަދާކުރައްވަންތޯ؟ އާއި މުސާރަ ނަންގަވަންތޯ؟ އަދި ހުންނެވީ ޗުއްޓީއެއްގައިތޯ ސުވާލު ކުރައްވާފައި ވެ އެވެ.
މީގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވަންތޯވެސް ސުވާލު ކުރައްވާފައި ވެ އެވެ. އެ ސުވާލުތަކުގައި ޑރ. ޝަހީމް ޓެގްކޮށްފައިވާއިރު އެ ސުވާލުތަކަށް ޑރ. ޝަހީމް އަދި ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އެމްޕީ ޝާހްގެ މި ސުވާލުތައް ޑރ. ޝަހީމަށް އަމާޒު ކުރައްވާފައިވާއިރު ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. ޝަހީމްކަން އިއުލާނު ކުރެއްވުމާއެކު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުން އިސްތިއުފާ ދެއްވާނެކަމުގައި ވިދާޅުވި އެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކުރެއްވި އެވެ.
ޑރ. ޝަހީމް މިހާރު އަންނަނީ ފުވައްމުލަކަށް ކެމްޕޭނު ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގައި ރޭ، ފުވައްމުލަކަށް ވަޑައިގެންފައިވާއިރު ފުވައްމުލަކުގައި ހަތަރު ދުވަހު މަޑުކުރައްވާނެ ކަމުގައި ޑރ. ޝަހީމްގެ ކެމްޕޭން ޓީމުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް