" ވޯޓު ނުލަންޏާ ޤައުމުގައި ހިނގާ ކަންކަމަށް ފާޑެއް ނުކިޔޭނެ "

ރައްޓެހިން ތަކަކާ އެކު އިން ކޮފީއެއްގައި ދެކެވުނު ވާހަކަ އެކެވެ. ކުރިޔަށް އޮތީ ރިޔާސީ އިންތިޚާބުކަމުން ދެން ދެކެވޭނީވެސް އެ ވާހަކަތާ އެވެ. މަޢުލޫއަކީ ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނެއް ނޫނެވެ. ކެންޑ...

11 Aug 2018 | 00:04

ރައްޓެހިން ތަކަކާ އެކު އިން ކޮފީއެއްގައި ދެކެވުނު ވާހަކަ އެކެވެ. ކުރިޔަށް އޮތީ ރިޔާސީ އިންތިޚާބުކަމުން ދެން ދެކެވޭނީވެސް އެ ވާހަކަތާ އެވެ. މަޢުލޫއަކީ ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނެއް ނޫނެވެ. ކެންޑިޑޭޓުން ވާ ވައުދުތަކާއި މެނިފެސްޓޯ އެއްވެސް ނޫނެވެ. ވޯޓުލުމެވެ. ކަންދިމާކުރި ގޮތުން ކޮފީ މޭޒުގައި ތިބި އެންމެންނަކީވެސް ރީރަޖިސްޓްރީ ކޮށްގެން ނޫނީ ވޯޓު ނުލެވޭނެ މީހުންނެވެ. ތަފާތު އެކި ބޭނުންތަކަށް މާލެ އައިގޮތަށް މާލޭގައި " ތާށި" ވެފައި ތިބީއެވެ. އެހެންކަމުން ރީރަޖިސްޓްރީ ނުކުރަންޏާ ކޮންމެ މީހަކުވެސް ދާންޖެހޭނީ އެމީހެއްގެ އުފަން ރަށަށެވެ. އެހެންނަމަވެސް ކަންތައްތައް ހުރި ގޮތުން ވޯޓުލާން ރަށަށް ދެވޭނެ އެކަކުވެސް ނެތެވެ.

ކޮފީ މޭޒުގައި ތިބި އެއްބަޔަކު ތިބީ ރީރަޖިސްޓްރީ ކޮށްގެން، ވޯޓުލުމަށް ކެތްމަދުވެފައެވެ. ފަސް އަހަރު ފަހުން މި ލިބޭ ވަރުގަދަ ފުރުސަތުގެ ބޭނުން ނިކަން ރަނގަޅަށް ހިފަން ތައްޔާރުވެގެންނެވެ. ނަމަވެސް ދެން ތިބި މީހުން ތިބީ ރީރަޖިސްޓްރީ ކުރާގޮތަކަށް ނޫނެވެ. އެއީ އެމީހުން ވޯޓުލާން ބޭނުން ނުވާތީ އެވެ. ސުވާލަކީ ވޯޓުލާން ބޭނުންނުވަނީ ކީއްވެހެއްޔެވެ؟ އެމީހުންގެ ޖަވާބަކީ ވޯޓުލައިގެން ކޮންމެ މީހަކު އަޔަސް ވަނީ ވަކި ކީއްހެއްޔެވެ؟ ވާކަމެއް ނޯވެއެވެ. ރާއްޖޭގައި ކަންކަން ހިނގާގޮތުން ދުވަހަކުވެސް ކަންކަން ރަނގަޅު ވާ ތަނެއް ނުފެނެއެވެ.

ވޯޓު ލައިގެން މީހަކު ހޮވިޔަސް ކަންކަން ރަނގަޅުނުވާކަމަށް ވިސްނަނީ ހަމައެކަނި މިމީހުންނެއް ނޫނެވެ. އެއީ މިހާރު ރާއްޖޭގައި މިއޮތް ސިޔާސީ ފިކުރުތަކަށް ތާއީދުނުކުރާ ނުވަތަ މެދުގައި ތިބި ބަޔެއްގެވެސް ވިސްނުމެވެ. އަދި ވަކި ފިކުރަކަށް ތާޢީދުކުރިނަމަވެސް ރާއްޖޭގައި ހިނގާކަންކަން މަތިން ފޫހިވެ މާޔޫސްވެފައި ތިބި މީހުންގެވެސް ވިސްނުމަކީ މިއެވެ. އެކަން ސޯޝަލް މީޑިޔާގައި ފާޅުކޮށްފައި ހުންނަ ޝުޢޫރުތަކަށް ބަލާލުމުންވެސް އިނގިގެންދެއެވެ.

ސުވާލަކީ ވެރި މީހާ ވޯޓަކުން ހޮވުމުގެ ބާރު ސީދާ ރައްޔިތުންނަށް ދީފައި އޮންނަނީ ކީއްވެހެއްޔެވެ؟ ވެރިކަމަށް އަންނަ މީހަކު ކަނޑައަޅާ ސިޔާސަތުތަކަކީ ސީދާ ރައްޔިތުންނަށް ،އެމީހުންގެ ދިރިއުޅުމަށް އޭގެން ސީދާ އަސަރު ކުރާ ކަންކަމެވެ. ޤައުމު ބިނާވެގެން މިއަންނަނީ އެއިރެއްގައި އެއޮންނަ ސަރުކާރަކުން ކަނޑައަޅާ، އަމަލު ކުރަމުންދާ ސިޔާސަތުތަކެއްގެ މައްޗަށެވެ. އޭގެ އަސަރު ސީދާ ރައްޔިތުންނަށް ކުރެއެވެ. ކުޑަ މިސާލަކަށް ދަމާހެއްޔެވެ. ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތް ކުރުމަށް ކަނޑައަޅާ ވަގުތު، ފިހާރަތަކާއި ރެސްޓޯރެންޓް ތައް ބަންދުކުރަން އަންގާފައި އޮންނަ ގަޑި، މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލު ، ސްކޫލް ތަކުގެ ކުދިންގެ ކިޔަވާ ގަޑިތައް މިފަދަ ކޮންމެ ކަމަކަށް އަންނަ ބަދަލާއެކު އެމީހެއްގެ ދިރިއުޅުމަށް އަސަރު ނުކުރޭތޯ އަމިއްލަ ނަފުސާ ސުއާލުކޮށްލާށެވެ.

އެހެންކަމަށްވާއިރު ވެރިއަކަށް އަންނަ މީހަކު ހޮވުމަށް ލިބޭ ފުރުސަތުގެ ބޭނުން ރައްޔިތުން ނުހިފަންވީ ކީއްވެ ހެއްޔެވެ؟ ރައްޔިތުން ވޯޓުލައިގެން ރައީސް ކަމަށް ކުރިމަތިލާފައި ތިބި މީހުންކުރެ އެމީހުން އެންމެ ބޭނުންވާ މީހާ ވެރިއަކަށް ގެންނަންވީއެވެ. އެކަންވަނީ ރައްޔިތުން ވޯޓުލީމައެވެ. ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބޭ މީހާއަށެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ވޯޓު ހޯދުމަށް ކުރަންޖެހޭ ކަންކަން މިހާރު ކެންޑިޑޭޓުން ކުރަމުން އެދަނީއެވެ. އެކަންކަމަށް ވިސްނާފައި ވޯޓުދޭނީ ރައްޔިތުންނެވެ. ޑިމޮކްރަސީގައި ބަސްބުނުމުގެ ހައްޤު ރައްޔިތުންނަށް ލިބިދީފައި އޮންނަނީ އެހެންވީމައެވެ. އެ ހައްޤުގެ ބޭނުން ހިފަންޖެހޭ ވަގުތު ނުހިފާ އެ އަންނަ ވެރިމީހަކު ގެންނަ ސިޔާސަތަކުން ނޫނީ ކުރާކަމަކުން ތިމާގެ ދިރިއުޅުމަށް އޭގެން ނޭދެވޭ އަސަރު ކުރާ ވަގުތު އެވާހަކަ ދައްކަން އުޅުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ނުވެދާނެއެވެ. އެއީ އެ ފުރުސަތު އެމީހަކަށް ނުދިނުމުގެ ބާރު ތިމާމީހާއަށް ލިބި އެ ބާރުގެ ބޭނުން ތިމާ ނުހިފީމައެވެ.

ކޮފީ މޭޒުގައި ދެން ބަހުސްކުރެވިގެން ދިޔައީ އެކަމާއެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުންނަށް ބަސް ބުނުމުގެ ހައްޤު ލިބިގެންދާއިރު އެ ހައްޤުގެ ބޭނުން ތިމާ ނުހިފާ ދެން ޤައުމުގައި ހިނގާ ކަންކަމާމެދު ބަސް ބުނެވޭނެ ހެއްޔެވެ؟ ކަމެއް ގޯސްކޮށް ދާ ކޮންމެ ފަހަރަކު އަޑަށް ބާރު ލާފައި ކޮފީ މޭޒުތަކުގަޔާއި ، ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާނެ އެވެ. އެކަމަކު ތިމާއަށް ބަސް ބުނުމުގެ ހައްޤު ލިބުނު އިރު އެ ހައްޤުގެ ބޭނުން ހިފިންތޯ ކޮންމެ މީހަކުވެސް ސުއާލުކޮށްލުން ރަނގަޅެވެ. ވާހަކަ ދެއްކުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކަންކަމަށް ފާޑު ކިޔުން އަދި މާފަސޭހައެވެ. އެހެންކަމުން ތިމާއަށް ފުރުސަތު ލިބޭ ވަގުތު އެފުރުސަތުގެ ބޭނުން ހިފާފައި ދެން ވާހަކަ ދައްކާ ކަންކަމަށް ފާޑުކިއީމަ ތިމާގެ ޒިންމާވެސް އަދާކުރެވުނު ކަމަށް ވާނެތާ އެވެ.

މިހާރު މިއޮތީ އެ ޒިންމާ އަދާކުރުމުގެ ވަގުތު އައިސް ފައެވެ. އެކަމަށް ދެން ބާކީ އޮތީ 43 ދުވަހެވެ. މީގެ 43 ދުވަސް ފަހުން އެޒިންމާ އަދާކުރުމަށް ކަރުދާސް ކޮޅު އަތަށް ލިބޭނެއެވެ. އެކަރުދާސްކޮޅުގައި ފާހަގަ ޖެހޭނީ ރީރަޖިސްޓްރީ ކުރަންޖެހޭ މީހުން ރީރަޖިސްޓްރީ ކޮށްގެންނެވެ. މިއަދަކީ ރީރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހެވެ. ރީރަޖިސްޓްރީ ކޮށްގެން ނޫނީ ވޯޓުނުލެވޭ މީހުން މިއަދު އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭނެއެވެ. އެއީ ސެޕްޓެމްބަރ 23 ވަނަ ދުވަހު ގޮސް ވޯޓުލުމުގެ ހައްޤު އަދާކޮށް ރައްޔިތުންގެ ބަސް ބުނުމަށްޓަކައެވެ. ޤައުމާމެދު ތިމާ ދެކޭދެކުން ހަޤީޤަތަކަށް ހެދުމަށް ތިމާގެ ހިއްސާ ބައިވެރި ކުރުމަށްޓަކަ އެވެ. ޤައުމުގައި ހިނގާ ކަންކަމާމެދު ތިމާ ބަސް ބުނެ ވާހަކަ ދައްކާއިރު ތިމާގެ ޒިންމާ އަދާކޮށްފައި ބޭއްވުމަށްޓަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް