ޤާނޫނާއި އެއްގޮތަކަށް ތަފާތުކުރުމެއް ނެތި ކަންކަން ކުރައްވަމުން ގެންދިޔުމަށް އިލެކްޝަން ކޮމިޝަނަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޅ.ކުރެންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމްވިދާޅުވީ ވޯޓު ރަޖިސްޓްރީ ނުވެގެން އެކަމުގެ ޝަކުވާތައް ގިނަ ބައެއްގެ ފަރާތުން ލިބެމުންދާކަމަށެވެ. ކުރިޔަށްއޮތް އިންތިޚާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ތަފާތު ކަންކަން ކުރާނެކަމުގެ އަޑުތައް ފެތުރިފައިވާކަމަށް ފައިސް ނަސީމް ވިދާޅުވިއެވެ. ފައިސަލް ނަސީމް ވިދާޅުވީ އަބަދަކު އެއްވެސް ކަމެއް އެއްގޮތަކަށް ނޯންނާނެކަމަށާއި އެކަން ތާރީޚުންނާއި މިހާރު ހިނގަމުންދާ ކަންކަމުންވެސް ފެންނަމުންދާކަމަށެވެ.
" އަޅުގަނޑު އިލެކްޝަން ކޮމިޝަނަށް ދަންނަވާލަން ބޭނުންވަނީ ވަކިބަޔަކަށް ފުރުސަތު ހޯދައިދިނުމަށް ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރައްވާށޭ. ޤާނޫނާއި ޚިލާފު ކަމެއް ކުރައްވައިފިނަމަ އެއީ އިލެކްޝަން ކޮމިޝަންގެ މެމްބަރެއް ވިޔަސް، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރެއްވިޔަސް، އެކަން ތަހްޤީޤުކޮށް، އެކަމަށް ހައްގު ފިޔަވަޅު އެޅި ޤާނޫނު އަރާ ހަމަކުރާނޭ. " ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފައިސަލް ނަސީމް ވިދާޅުވީ މިއިން ދުވަހަކު ނީވޭވަރަށް ދިވެހިން އިންސާފަށް އެދި ގޮވަމުންދާކަމަށެވެ. ޤައުމުގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ރައްޔިތުންނަށް އަނިޔާ ލިބެމުންދާތަންކަމަށާއި މިކަން ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. ފިއްތުންތަކާއި ބިރުދެއްކުން މިއިން ދުވަހަކުވެސް މި ޤައުމުގައި ފެތުރިފައިނެތް ވަރަށް ފެތުރިފައިވާކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް މިއަދު ވަނީ ޅ. އަތޮޅަށް ވަޑައިގެން އެއަތޮޅު އޮޅުވެލިފުއްޓާއި ހިންނަވަރު އަދި ކުރެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް