އޭސީސީން ބޭންކްގެ މުވައްޒަފުންނާ ގުޅޭގޮތުން މައުލޫމާތު ހާމަކުރީ ރަނގަޅަށް ނުބަލާ: ބީއެމްއެލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރީ ރަނގަޅަށް ނުބަލާ ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް އެ ބޭންކުން ބުނެފިއެ...

11 Jul 2019 | 04:59

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރީ ރަނގަޅަށް ނުބަލާ ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީން އިއްޔެ ދިން މައުލޫމާތެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 38 މުވައްޒަފެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ބޭންކުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އަކީ ޤާނޫނާއި ގަވައިދުތަކާ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ބޭންކެއް ކަމަށެވެ. އަދި ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައް ވަނީ ބޭންކުގައި ގާއިމްކުރެވިފައި ކަމަށެވެ. މީގެ އިތުރުން ބޭންކުގެ މުވައްޒަފުން އަމަލުކުރަމުންދަނީ މި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންތޯ ބަލާ ޒިންމާދާރުކުރެވޭނެ އިންތިޒާމްތައްވެސް ގާއިމްކުރެވިފައިވާކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.

:އެމް.އެމް.ޕީ.އާރ.ސީގެ  މައްސަލަ އާ ގުޅިގެން ބޭންކުން ހެދި އިންޓަރނަލް އޮޑިޓުގެ އިތުރުން އެމްއެމްއޭ އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު ޔަގީންވެފައިވަނީ ބޭންކުން އަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ބާއްވަތެއްގެ އަމަލެއްގައި ބޭންކުގެ މުވައްޒަފުން ޝާމިލްވާކަމަށް ފާހަގަކޮށްފައެއްނުވެއެވެ. މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުޢާމަލާތްތައް ހިންގުމުގައި ޤާނޫނާއި ގަވައިދާ ޚިލާފުވެފައިވާކަމަކަށްވެސް ފާހަގަކޮށްފައެއްނުވެއެވެ." ބޭންކްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައަކީ މިހާރު ތަހްގީގު ކުރަމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަކީ ބޭންކުގެ އުސޫލެއްނޫން ކަމަށާއި ނަމަވެސް ފުރިހަމަނުވާ މި ތަހުގީގާ ގުޅޭ ގޮތުން އިއްޔެ އާންމުކުރެވިގެން ދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކުގެ މުވައްޒަފުންތަކެއް ޝާމިލްވެފައިވާކަމަށް ދޭހަވާގޮތަށް ވަނީ ހާމަކޮށްފައި ކަމަށެވެ. މިކަމުގައި އެ ބޭންކުން ޤާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް، އަދި ތަހްގީގު ކުރިއަށް ދަނިކޮށް މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުން، މި ބޭންކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ހަގީގަތާ ޚިލާފު ތުހުމަތުތަކުން ބޭންކުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލް އަޤުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެ ކަންވެސް ބޭންކުން ފާހަގަކޮށްފައިވެއެވެ.

"އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސް.އޯ.އެފް ގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށް، އެސްއޯއެފް ގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ހުށަހެޅުމުންނެވެ. މިގޮތުން މި ޗެކްތައް  ޖަމާކުރުމުގައި ބޭންކުން އަމަލުކޮށްފައިވަނީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާއި ބެހޭ (ޤާނޫން ނަންބަރު 95/16) ޤަނޫނާއި  އެއްގޮތް ވާ ގޮތަށެވެ." ބޭންކްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ޤާނޫނަށް އަމަލުކުރަން ފެށިފަހުން ބޭންކަށް އެންޑޯރސްކޮށްގެން ޖަމާކުރަން ހުށަހަޅާ ހުރިހާ ޗެކްތަކަށްވެސް އަމަލުކުރާ އުސޫލުން އެމްއެމްޕީއާރުސީގެ ޗެކްތައް ވަކި ތަފާތުކުރުމެއްނެތިއެވެ. ދިވެހިރާއްޖޭގެ އެހެނިހެން ބޭންކުތަކުންވެސް، އެންޑޯރސްކޮށްފައިވާ ޗެކްތައް ޖަމާކުރާ އުސޫލުން ޤާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް 17 ފެބްރުވަރީ 2019 ގައިބޭންކުން ނޫސް ބަޔާނެއް ނެރެފައިވާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލަ އާއި ގުޅިގެން ކުރާ ތަހްގީގުތަކަށް ކުރިޔަށްއޮތްތާނގައިވެސް ބޭންކުގެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަހްގީގު ނިންމައި، މި ބޭންކުގެ ބައިވެރިވުން މި ޚިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް