ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެފައިވާއިރު އެ ބިދޭސީ މީހާގެ ބޮލަށް ވެއްޓުނީ އެންމެ ބަސްތާއެއް ނޫން ކަމަށާއި އެތައް ބަސްތާއެއް އަޅާފައި ހުރި ބޮޑު ޖަމްބޯ ބޭގެއް ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި އޭނާގެ ބޮލަށް ވެއްޓުނީ ސިމެންތި ބަސްތާއެއް ކަމަށް ދެންނެވުނީ ކުރިން ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.
"ބައިވަރު ސިމެންތި ބަސްތާ ތަކެއް އަޅާފައި ޑަބަލްކޮށް ޖަހާފައި ހުރި ޖަމްބޯ ބޭގްތަކުގެ ތެރެއިން މަތީގައި އޮތް ޖަމްބޯ ބޭގުން ސިމެންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި ޖަމްބޯ ބޭގް ތެރޭގައި ހުރި ސިމެންތި ބަސްތާތަކާއެކު އެ ޖަމްބޯ ބޭގް އޭނާގެ ބޯމައްޗަށް ވެއްޓުނުމުން ލިބުނު އަނިޔާގެ ސަބަބުން އެމީހާ ނިޔާވީ" ފުލުހުން މިއަދު ބުނެފައިވެއެވެ.
ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ. އިއްޔެ މި ހާދިސާގައި މީހަކު މަރުވެފައިވާއިރު ހަމަ މި ހަފްތާގެ ތެރޭގައި އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާއިން ލިފްޓެއްގެ ވާގަނޑު ކަނޑައިގެންގޮސް އެ ލިފްޓާއެކު މީހަކު ވެއްޓިފައިވެއެވެ. އެވެސް ބިދޭސީއެކެވެ.
އެ އިމާރާތަކީ ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުން އަންނަ އިމާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް