ދަފުތަރުގައި ތިބި މީހުންނަށް ދޫކުރާ ފްލެޓަށް އަލުން ފޯމް ލާން ޖެހިއްޖެ

މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދުމަށް އާ ފޯމެއް ހުށަހަޅަން ޖެހިއްޖެ އެވެ. ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުނ...

11 Jul 2018 | 12:56

މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދުމަށް އާ ފޯމެއް ހުށަހަޅަން ޖެހިއްޖެ އެވެ.

ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.

ހައުސިން މިނިސްޓްރީން ވަނީ އެ ކެޓަގަރީތަކަށް ހުށަހަޅަންޖެހޭ ފޯމަށް ބަދަލުތަކެއް ގެނެސްފައި އެވެ. އެގޮތުން ފޯމަށް އިތުރު ތިން ސަފްހާ ވަނީ އިތުރުކޮށްފައި އެވެ. އަދި ޕޮއިންޓު ދޭ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެނެވުނު ބަދަލުތަކާއި އެކު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން މި ދެ ކެޓަގަރީއަށް ފްލެޓު ފޯމު ހުށަހެޅި މީހުން އަލުން ފޯމު ލާންޖެހޭނެ ކަމަށެވެ. އެކަން ކުރުމަށް ފޯމު ލާފައިވާ މީހުންނަށް ވަކިން ގުޅައި އެ މިނިސްޓްރީން އަންގާނެ ކަމަށް ބުންޏެވެ.

މި ދެ ކެޓަގަރީގައި ޕޮއިންޓު ދޭ އުސޫލަށް ގެނައި ބަދަލުތަކާއި އެކު ފްލެޓް ދިނުމުގައި ބަލާނީ ދަފުތަރުގައި ދެމިހުރި މުއްދަތަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ލިބެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ އެންމެ ގިނަ ދުވަސްވީ މީހުންނަށާއި މާލޭގައި ދިރިއުޅޭތާ އެންމެ ގިނަ ދުވަސްވީ މީހުންނަށެވެ.

ދަރިއަކު ނެތް ނަމަ ފަސް ޕޮއިންޓް ލިބޭއިރު، ދަރިންގެ އަދަދު ތިނެއް ނުވަތަ އެއަށް ވުރެ އިތުރު ވާނަމަ 20 ޕޮއިންޓް ލިބެ އެވެ. އަދި އާއިލާގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުންނަ ނަމަ އިތުރު ޕޮއިންޓް ލިބޭއިރު، ދިރިއުޅުމުގެ ހާލަތަށް ބަލާފައި އިތުރަށް ޕޮއިންޓް ދެ އެވެ.

ފްލެޓަށް އެދި ކުރިމަތިލާއިރު މި ދެ ކެޓަގަރީގައި ހިމެނޭ މީހުން ވެސް، އެ މީހުން މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ ދެ ހެކިންގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލުތައް ގެނައީ އަލަށް މާލޭ ދަފްތަރުގައި ރަޖިސްޓްރީވުމަށް މިއަދު ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވާ މީހުންނަށް ފްލެޓަށް އެދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެކަމަކު މިހާރު ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން ހުޅުވާލާ ފުރުސަތުގައި ރަޖިސްޓްރީ ބަދަލު ކުރަން އެދޭ މީހުން ރަސްމީކޮށް ދަފްތަރުގައި ރަޖިސްޓްރީ ވާނީ މިއަހަރުގެ ރިޔާސީ އިންތިހާބު ނިމުމުންނެވެ.

އެއީ ވޯޓާސް ލިސްޓު އާންމު ކޮށްފައިވާތީ ދަފްތަރުގައި ރަޖިސްޓްރީވުމުން ދާއިމީ އެޑްރެސް ބަދަލުވެ، ވޯޓުލުމުގެ ހައްގު ގެއްލިދާނެތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް