ޖުމްހޫރީ ޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ ރަނިން މޭޓަކު ހޮވުމުގައި ޕްރައިމަރީގައި ވާދަ ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އާއި އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ފޯމު ހުށަހަޅުއްވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރެ ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ނެރުމަށެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
މި ނިންމުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ތާއީދު ކުރައްވާފަ އެވެ.
ފައިސަލް އާއި ޑރ. ހުސައިން ފޯމު ހުށަހެޅުއްވީ މިއަދު ޖޭޕީ އޮފީހުގައި ވަކިވަކިން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެވެ. ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރެވެ.
އެ ދެބޭފުޅުން ވަނީ ޖޭޕީގެ ކައުންސިލް މެންބަރުންގެ ކިބައިން ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ފައިސަލް އާއި ޑރ. ހުސައިންގެ އިތުރުން ރަނިން މޭޓު ކަމަށް ވާދަ ކުރުމަށް މިހާތަނަށް ފޯމު ހުށަހެޅުއްވީ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.
ޖޭޕީން ރަނިން މޭޓަކު ކަނޑައެޅުމަށް ނަގާ ވޯޓުލުން އޮންނާނީ ހުކުރު ދުވަހުގެ ރޭ 9:00 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް