ހާލުގައި ޖެހުނު ސްރީލަންކާގެ މަސް ބޯޓެއް ކަމަށްވާ "ސިންދޫރް 2" ހުވަދޫ އަތޮޅާއި ލ.އަތޮޅާ ދޭތެރޭ ހުޅަނގަށް އޮޔާދާތީވެ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކޮށްފި އެވެ.
ކޯސްޓްގާޑުން ބުނެފައިވަނީ ރޭގަނޑު އެ ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދޭކަމަށެވެ.
ލަންކާގެ އެ މަސްބޯޓަކީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހަތް މަސްވެރިންނާއެކު ގެއްލުނު މަސްބޯޓެއް ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ. އަދި އެ މަސްބޯޓާއި މަސްބޯޓުގައި ތިބި މީހުން އިއްޔެގެ ވަގުތެއްގައި ރާއްޖެ ސަރަހައްދުން ފެނިފައިވާއިރު މަސްވެރިންގެ ހާލު ރަނގަޅު ކަމުގައިވެސް ލަންކާގެ ނޫސްތަކުގައި އިއްޔެ ރިޕޯޓް ކޮށްފައި ވެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގައިތިބި ހަތް މަސްވެރިން ކޯސްޓްގާޑް ލޯންޗުގައި ރޭގެ ވަގުތެއްގައި ގދ ތިނަދުއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ މަސްވެރިން މިއަދު މާލެ ގެންދާނެ ކަމަށެވެ. އެ މަސްވެރިންގެ ހާލު ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް