މާލޭގައި އިމާރާތް ކުރަމުންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 26 ވަނަ ދުވަހު މިނިވަން ދުވަހާއި ދިމާކޮށް މި ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ދޭން ފަށާ ގޮތަށެވެ. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު އެ ހޮސްޕިޓަލް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިމަހު ދޭން ފަށަން ނިންމި ހިދުމަތްތައް ފެށޭވަރު ވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލުގެ ހިދުމަތް ފެށުން ލަސްވީ ބޭނުންވާ ބައެއް މެޝިނަރީތައް ގެނައުން ލަސްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފެށުމުން އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް ހޭދަ ކުރަން ޖެހޭ ވަގުތާއި ކިއުގައި ޖެހުމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއެކު ސިއްހީ ދާއިރާ މިހާރު އޮތް ހަރުފަތުން އާ ހަރުފަތަކަށް ދާނެ ކަމަށެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ރާއްޖެިއން މިހާރު ލިބެންނެތް ސިއްހީ ހިދުމަތްތަކާއެކު ތަރައްގީކުރާ ހޮސްޕިޓަލެކެވެ.
"ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިސް ބޭފުޅުންނާއި ބޮޑެތި މުއްސަދިން ރާއްޖެވަޑައިގަތުމަށް އޮތް އެއް ހުރަހަކަށް އޮންނަނީ އެ ބޭފުޅުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޕްރައިވެޓް ރޫމް ނެތުން. އެކަމަށްވެސް ހައްލެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް އެ ހޮސްޕިޓަލްގައި ގާއިމް ކުރެ އެވެ.
އެ ހޮސްޕިޓަލްގެ އިތުރުން މިނިވަން ދުވަހާއި ދިމާކޮށް ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައި އޮތް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުންވެސް ވަނީ އަންނަ މަހަށް ފަސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް