ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް ހަމަހަމަ ކަމާއި އެކު ދައުލަތުގެ ވަސީލަތްތަކާއި އެކު ފުރުސަތުތައް ފަހިކޮށް ދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ.
ބަންޑާރަ ނައިބު މިގޮތަށް އަންގަވައި ސިޓީ ފޮނުއްވާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)، މޯލްޑިވްސް ޕޮލިސް ސާވިސް، ހައުސިން މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށެވެ. ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރަންދެން މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގެ ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ދައުލަތުގެ ވަސީލަތްތަކާއި ފުރުސަތުތައް ހަމަހަމަ ކަމާއި އެކު ފޯރުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އޭޖީ އޮފީހުން ބުނީ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ އިތުރުން އިންތިހާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތާއި، ދައުލަތުގެ ވަސީލަތްތަކާއި، ދައުލަތުގެ އިމާރާތްތަކާއި، ރަށްރަށާއި މަގުތައް ފަހިކޮށްދިނުމަށް އަންގަވާފައިވާ ކަމަށެވެ. އަދި ޕީއެސްއެމްގެ ޗެނަލްތަކުން ކެންޑިޑޭޓުންނަށް އެއާ ޓައިމް ދިނުމުގައި ހަމަހަމަ ފުރުސަތުތައް ދިނުމަށް އޭޖީ އެންގެވި އެވެ.
ބަންޑާރަ ނައިބު މިގޮތަށް އެންގަވާފައިވާއިރު އިދިކޮޅު ފަރާތްތަކުން މާލޭގައި ސިޔާސީ ހަރަކާތް ހިންގުމަށް މަގުމައްޗާއި އެއްވެސް ދައުލަތުގެ އިމާރާތެއް ދޫނުކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އިއްޔެ އިދިކޮޅު ކެންޑިޑޭޓު ހުޅުމާލޭގައި ކެމްޕެއިން ކުރަމުން ދަނިކޮށް ބަޔަކު ވަނީ މާރާމާރީ ހިންގުމަށް މަސައްކަތް ކޮށް އެމްޑީޕީގެ ކެމްޕެއިން ޓީމުގެ އިސްވެރިންގެ ގަޔަށް ކަޅުތެޔޮ ޖަހާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭ ޝަކުވާ އަކީވެސް އަބަދު ކުރަމުން އަންނަ ޝަކުވާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް