ކަރީނާ ކަޕޫރު، ޝަހިދު ކަޕޫރު އަދި ސޯހާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި އެމީހުންގެ ދަރިން މަޝްހޫރު ކުރުމުގައި އަރާ ތިބި ތަރިންނެވެ.
އެ ކުދިންގެ ފޮޓޯ އާއި އެކުގައި ބޭރަށް ނިކުމެ އުޅޭ ފޮޓޯތަކާއި އެނޫންވެސް ކުދިން ކުރާ ކަންކަމުގެ ފޮޓޯ މި ތިން ތަރިން ކޮންމެ ދުވަހަކު އެތައް ފަހަރަކު ސަޕޯޓަރުންނާއި ހިއްސާ ކުރެ އެވެ. މީގެ ތެރެއިންވެސް ކަރީނާ އަކީ އަރާހުރި މީހެކެވެ. ކަރީނާ އާއި ސައިފްގެ ގޭ ކައިރީ ތައިމޫރު އަލީ ހާންގެ ފޮޓޯ ނެގުމަށް ޕަޕަރާޒީން ނުތިބޭ ވަގުތެއް ވަރަށް މަދެވެ.
އެ ލިސްޓަށް މިހާރު އިތުރު ކުރަން ޖެހިފައި ވަނީ އައިޝްވާރްޔާ ރާއީ ބައްޗަން އެވެ. 2012 ވަނަ އަހަރު އައިޝްވާރްޔާ އާއި އަބީޝެކް ބައްޗަން އަން އަރާދްޔާ ބައްޗަން ލިބުނީންސުރެ ގެންގުޅެނީ ވަރަށް ބޮޑަށް ކެމެރާތަކާއި ފޮރުވައިގެންނެވެ. އައިޝްވާރްޔާ އާއި އެކު މަގުމަތިން ނުވަތަ އެއާޕޯޓުން ފެނިގެން އަރާދްޔާގެ ފޮޓޯއެއް ނަގަން މަސައްކަތް ކުރިޔަސް އައިޝްވާރްޔާ ރުޅިއަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެކަމަކު އެކަން މާޒީވެ ގޮސް މިހާރު އެހެން ތަރިންނެކޭ އެއްގޮތަށް އައިޝްވާރްޔާވެސް އަރާދްޔާ ޕްރޮމޯޓު ކުރަން ފަށައިފި އެވެ. ތަފާތު ގޮތަކަށެވެ. އޭނާއަށް ފިލްމީ މަސައްކަތެއްވެސް އަރާދްޔާ ނުގޮވާ ގޮސް ކުރެވޭ ކަމަކަށް ނުވެ އެވެ. ޝޫޓިން އަށް ދަނީ ދަރިފުޅު ގޮވައިގެންނެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގައި ނޫޅޭ އައިޝްވާރްޔާ ވަނީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވާ އެ އެކައުންޓުވެސް އަރާދްޔާއަށް ހާއްސަކޮށްފައި އެވެ. އެގޮތުން ގިނައިން އޭނާ ޕޯސްޓު ކުރަނީ އަރާދްޔާ ހިމެނޭ ފޮޓޯތަކެވެ. އަދި އެއީ ދުނިޔެ ކަމާއި ދިރިއުޅުން ކަމާއި އެފަދަ ތަފާތު ލޯބި ބަސްތައް އަރާދްޔާއަށް ނިސްބަތްކޮށް ލިޔެފައި ހުރެ އެވެ.
އެންމެ ފަހުން ބޭއްވި ކާން ފެސްޓިވަލްއަށްވެސް އައިޝްވާރްޔާ ދިޔައީ އަރާދްޔާ ގޮވައިގެންނެވެ. ރެޑް ކާޕެޓްގައި ހިނގީވެސް ދަރިފުޅު ގޮވައިގެންނެވެ. އަދި މިހާރު ފްރާންސްގައި އޭނާ ކުޅެމުންދާ އިޝްތިހާރެއްގެ މަސައްކަތް ކުރަމުންދަނިކޮށް ވަނީ އަރާދްޔާ އާއި އައިޝްވާރްޔާގެ މަންމަ އެގައުމަށް ގެންގޮސްފައި އެވެ. މީގެ އިތުރުން މި ދަތުރުގައި އެ ތިން މީހުން އެކުގައި ނަގާ ފޮޓޯތަކާއި އަރާދްޔާގެ ވަކި ފޮޓޯތައް އައިޝްވާރްޔާ ދަނީ އާންމު ކުރަމުންނެވެ.
އެހެންވެ ރިޕޯޓުތައް ބުނާގޮތުގައި މިހާރު އައިޝްވާރްޔާ ދަނީ އަރާދްޔާ އާންމުންނަށް ދައްކައި މަޝްހޫރުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް