ހޮހޮޅައިން އެންމެ ފަހުން ނުކުތް ޑރ. ހެރިސް އަށް ލިބުނީ ހިތާމަވެރި ހަބަރެއް

ތައިލެންޑްގެ ތަމް ލުއަން ހޮހޮޅައިގާ ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު، އެ ހޮހޮޅައިގާ ތާށިވިތާ 17 ދުވަސް ފަހުން ސަލާމަތްކޮށްފައިވާއިރު އެ ކުދިން ސަލާމަތް ކުރ...

11 Jul 2018 | 03:21

ތައިލެންޑްގެ ތަމް ލުއަން ހޮހޮޅައިގާ ތާށިވި، ޖޫނިއަރ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ އެސިސްޓެންޓް ކޯޗު، އެ ހޮހޮޅައިގާ ތާށިވިތާ 17 ދުވަސް ފަހުން ސަލާމަތްކޮށްފައިވާއިރު އެ ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ރޯލެއް ކުޅުނު ޑރ. ހެރިސް ރިޗަޑް ހޮހޮޅައިން ނިކުތީ އެންމެ ފަހުންނެވެ.

ރިޗަޑް ހޮހޮޅައިން ނިކުތްތަނާހެން އޭނާއަށް ދެ ކޯލެއް ލިބުނެވެ. އެއް ކޯލަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކަމް ޓާނަބަލްގެ ކޯލެކެވެ. އެ ކޯލުގައި ހެރިސް އަށް ހިތްވަރުދީފައިވާއިރު ދެވަނަ ކޯލު ކުރީ އާއިލާއިންނެވެ. ހެރިސް އަށް އާއިލާގެ ފަރާތުން ލިބުނީ ހިތާމަވެރި ހަބަރެކެވެ. އެއީ އޭނާގެ ބައްޕަ މަރުވި ކަމުގެ ހަބަރެވެ.

ތައި ހޮހޮޅައިގާ ކުދިން ތާށިވިއިރު ޑރ. ހެރިސް ހުރީ ޗުއްޓީއެއްގައި އެވެ. އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވެ އެންމެ އިސް އެއް ރޯލު އަދާކުރީ ޑރ. ހެރިސް އެވެ. އެއީ ހޮހޮޅަ ތެރޭގައި ކުދިން ކައިރީގައި މަޑުކޮށް އެ ކުދިން ބޭރަށް ނެރޭނެ ތަރުތީބު ކަނޑައެޅުމާއި އެކުދިން ހޮހޮޅައިން ނިކުންނަން ކަޑައްތުކުރަންޖެހޭ ހަތަރު މީޓަރުގެ ރާސްތާއަށް އެ ކުދިންނާއި އެސިސްޓެންޓް ކޯޗު ސިއްހީ ގޮތުން ތައްޔާރު ކުރުމުގެ ޒިންމާ އެވެ.

ޑރ. ހެރިސް އަކީ އެޑެލްއެއިޑް އެނެސްތަޓިސްޓެއްގެ އިތުރުން އަންޑަވޯޓާ ކޭވް އެކްސްޕްލޯރަރ އެކެވެ. ފީނުމުގައި މާހިރެކެވެ. އޭނާ ވަނީ އެ ކުދިންނާއި ކުދިންގެ ކޯޗު ސަލާޟަތް ކުރުމަށް އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ލާފަ އެވެ.

ޑރ. ހެރިސްގެ ބައްޕަ މަރުވީ އެ އޮޕަރޭޝަން ނިމުނު ދުވަހުގެ ވަގުތެއްގައި އެވެ. ނަމަވެސް ޑރ. ހެރިސް ހޮހޮޅައިގެ ތެރޭގައި ކަމުން އެ ހަބަރު ހެރިސް އަށް ދެވޭގޮތްވީ އޭނާ ހޮހޮޅައިން ނިކުތުމުންނެވެ. ޑރ. ހެރިސްގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ބައްޕަގެ ޖަނާޒާގެ ކަންކަމަށް ޑރ. ހެރިސް ދާދި އަވަހަށް އޮސްޓްރޭލިއާއަށް ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް