އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން، ލެސްޓާގެ ތަރި ރިޔާދް މާރޭޒް 60 މިލިޔަން ޕައުންޑަށް (68 މިލިޔަން ޔޫރޯ/ 80 މިލިޔަން ޑޮލަރ) ގަނެފިއެވެ.
ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 2016 ވަނަ އަހަރު ލެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މާރޭޒް ހޯދުމަށް މިދިޔަ ޓްރާންސްފާ މާކެޓްގައި ވެސް މެންޗެސްޓާ ސިޓީން މަސައްކަތް ކުރިއެވެ.
ސިޓީން އެންމެ ފަހުން މާރޭޒްގެ ސޮއި ހޯދާފައިވާއިރު، އުމުރުން 27 އަހަރުގެ މާރޭޒްއަށް އެ ޓީމުން ވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ދީފައެވެ.
"ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ކުޅެމުން އަންނަ މެންޗެސްޓާ ސިޓީއާ ގުޅެވުމުން އަހަރެން މިހުރީ އުފަލުން" ސިޓީގެ ވެބްސައިޓްއަށް ދިން އިންޓަވިޔުއެއްގައި މާރޭޒް ބުނެފައިވެއެވެ.
މީގެ އިތުރުން، މެންޗެސްޓާ ސިޓީގެ ކުޅުން ބަލާލުމަކީ އަބަދު ވެސް ލިބޭ އުފަލެއް ކަމަށާއި، ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅެމުން އަންނަނީ ހިތްގައިމު އެޓޭކިންގ ގޭމެއް ކަމަށް ބުނެ ރިޔާދް މާރޭޒް ވަނީ ސިޓީއަށާއި އެ ޓީމުގެ ކޯޗަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
މިދިޔަ ސީޒަންގައި ސިޓީން ހުށަހެޅި ބިޑަށް ލެސްޓާއިން ނޫނެކޭ ބުނުމުން، ގާޑިއޯލާ އޭރު ބުނެފައިވަނީ ދެން އޮތް ޓްރާންސްފާ މާކެޓެއްގައި މާރޭޒް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. އެހެންކަމުން، ރިޔާދް މާރޭޒް އަކީ ގާޑިއޯލާގެ ގޭމް ޕްލޭންގެ މުހިންމު ބަޔަކަށް ވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މާރޭޒް ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ 2014 ވަނަ އަހަރު ލެސްޓާ ސިޓީއަށް ބަދަލުވި ހިސާބުންނެވެ. އެ ސީޒަންގައި ލެސްޓާއިން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވިއެވެ.
އަދި ދެން ޖެހިގެން އައި ސީޒަންގައި ލެސްޓާއިން ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، އެ ފަހަރު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ރިޔާދް މާރޭޒަށެވެ. އެ ސީޒަންގައި މާރޭޒް ލެސްޓާއަށް 17 ލަނޑު ޖަހައިދީ އިތުރު 10 ލަނޑު ޖެހުމަށް މަގުފަހިކޮށްދިންއިރު، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ލެސްޓާއަށް 4 ލަނޑު ޖަހައިދީ 2 އެސިސްޓް ހަދާފައެވެ.
މިއީ ފަހަކަށް އަހިސް ކޮންމެ ޓްރާންސްފާ މާކެޓެއްގައިހެން ކުޅުންތެރިން ހޯދުމަށް ބޮޑު ޚަރަދެއް ކުރަމުން އަންނަ މެންޗެސްޓާ ސިޓީން މި ޓްރާންސްފާ މާކެޓްގައި މިހާތަނަށް ގަތް އަގު ބޮޑު ފުރަތަމަ ކުޅުންތެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް