އުމްޓިޓީގެ ލަނޑުން ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް

ސަމެއުލް އުމްޓިޓީ ކާމިޔާބު ކޮށްދިން ލަނޑާއެކު، 1-0 ން ބެލްޖިއަމް ބަލިކޮށް ފްރާންސުން ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. މިރޭގެ ސެމީ ފައިނަލް މެޗުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރ...

10 Jul 2018 | 20:42

ސަމެއުލް އުމްޓިޓީ ކާމިޔާބު ކޮށްދިން ލަނޑާއެކު، 1-0 ން ބެލްޖިއަމް ބަލިކޮށް ފްރާންސުން ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭގެ ސެމީ ފައިނަލް މެޗުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން 51 ވަނަ މިނިޓުގައި އުމްޓިޓީ ލަނޑު ޖެހިއިރު، މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ފްރާންސް ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރާނެ 3 ވަނަ ފަހަރެވެ. އެ ގައުމުން އެންމެ ފަހުން ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދީ 2006 ވަނަ އަހަރުގައެވެ. އެފަހަރު ފައިނަލް މެޗުން އިޓަލީ އަތުން ބަލިވީއެވެ.

އެހެންކަމުން، 2 ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އަޒުމުގައި ފްރާންސް އޮތްއިރު، އެ ޓީމާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ މާދަމާ ރޭ އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ އެޓޭކިންގ ގޭމެއް ފެނުނުއިރު، ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުމުގެ އަސްލަކަށްވީ ދެ ޓީމުގެ ގޯލް ކީޕަރުންނެވެ. މިރޭގެ މުޅި މެޗުގައި ވެސް ބެލްޖިއަމްގެ ކީޕަރު ތިބައޯ ކޯޓުއާ އާއި ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ދެ ވަނަ ހާފުގައި މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައިރު، އުމްޓިޓީ ބޮލުން ގޯލު ޖެހީ ބެލްޖިއަމްގެ އެންމެ ދިގު އެއް ކުޅުންތެރިޔާ ފެލައިނީ ކައިރިން އަރައެވެ. ދެ ވަނަ ހާފުގައި ލީޑު ފުޅާކޮށްލަން ފްރާންސަށް އަދި ނަތީޖާ ހަމަހަމަކޮށްލަން ބެލްޖިއަމްއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި ނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ފްރާންސުން ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު، އެ ޓީމުގެ އަމާޒަކަށް ވާނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލަށް ގޮސް ލިބުނު ނާކާމިޔާބީ ތަކުރާރު ވިޔަ ނުދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް