ގުޅުންކެނޑުން އެއީ ދީނުގެ އަސާސެއްގޮތަށް އޮތްޒަމާނެއް އިސްލާމީ ތާރީޚުން ފެންނާކަށް ނެތް: ޝެއިޚް ސަމީރު

ތިމާގެ މުސްލިމް އަޚާ އާއި ގުޅުންކެނޑުމާއި ރަޙިމުގެ ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް އޮތް ޒަމާނެއް އިސްލާމީ ތާރީޚުން ފެންނަން ނެތްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގ...

11 Jul 2017 | 13:35

ތިމާގެ މުސްލިމް އަޚާ އާއި ގުޅުންކެނޑުމާއި ރަޙިމުގެ ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް އޮތް ޒަމާނެއް އިސްލާމީ ތާރީޚުން ފެންނަން ނެތްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ސަންޓީވީ އިން ފޮނުވި 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ ދީންވެރިކަން ދެއްކުމުގެ ގޮތުން ތިމާގެ މުސްލިމް އަޚާ އާއި ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް ދެކިފައި އޮތް ޒަމާނެއް ފެންނަން ނެތްކަމަށާއި އަދި ރަޙިމުގެ ގުޅުން ކެނޑުން އެއީ ތަޤުވާވެރިކަންކަމަކަށް ސަލަފުއްޞާލިޙުން ދެކެވަޑައިގަތްކަން އިސްލާމީ ތާރީޚުން އަޅުގަނޑުމެންނަށް ފެންނަން ނެތްކަމަށެވެ.

"އަޅުގަނޑުމެންގެތެރެއިން ބައެއް 'ދީނީ' ކުދިންނަށް މި ހީވަނީ ތިމާގެ މުސްލިމް އަޚާގެ ކުރިމަތީގައި ރުޅިވެރިކަން ދައްކާލުން އެއީއޭ ތިމަންނަގެ ދީންވެރިކަމަކީ. މިސްކިތަށް ޖަމާޢަތަށް އަޅުގަނޑުމެން މިދަނީ އެކުވެރިކަމާއެކު މިސްކިތުގަ ނަމާދު ކުރަން. އެކަމަކު ކައިރީގަ ޖެހިގެން ހުންނަ މީހާ ދެކެ ރުޅިއައިއްސަ ހުރުމާއި  ފެނުނީމަ ފުސްމޫނު ބުރާފަ ހުރުމާއި އަދި ތިމާގެ ތަޤުވާވެރިކަންކަމަށް ދެކެނީ ތިމާ ރުޅިއައިއްސަ ހުރިކަން އަނެއް އަޚާއަށް ދައްކާލުންކަމަށް ތިމާއަށް ޤަބޫލު ކުރެވެންޏާ ކޮބާތޯ މިކުދިންގެ ދީންވެރިކަމަކީ؟" ޝައިޚް ސަމީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިންނަށް މި ހީވަނީ ތިމަންނަގެ ދީންވެރިކަމޭ އެއީ، ތިމާގެ އަނެއް މުސްލިމް އަޚާގެ ކުރިމަތީގަ ތިމާގެ ރުޅިމޫނު ދައްކާލުން. މިއަދު ވަކި ފިކުރެއްގައި ޖެހިފައި ތިބި 'ދީނީ' ކުދިންގެ ޝަރުޢީ މިންގަނޑު ނެތްކަން ދޭހަކޮށްދޭ އެއްކަމަކީ ތިމާއާއި އެއް ޖަމާޢަތެއްގައި ނަމާދު ކުރާ މުސްލިމް އަޚާ އާއި ވާހަކަ ނުދައްކާ ގުޅުންކަނޑައި އޭނާއަށް ރުޅި މޫނު ދައްކާފައި، ﷲ އަށް އީމާން ނުވާ ކާފަރަކު ތިމާގެ ސައިކަލު ފަހަތަށްލައިގެން އެ ކާފަރު މީހާއާއިއެކު ކޮފީއަށް، ސަޔަށްގޮސް ހީސަމާސާ ކުރާކުރުން. އެއީ ފައިސާގެ މުޢާމަލާތްތައް އައީމަ ވާގޮތް. ފައިސާގެ މުޢާމަލާތްތައް އައީމަ ނޯވޭ ދީނެއް. ނޯވޭ އެއްވެސް މަންހަޖެއް. ކިތަންމެ ވަރެއްވިޔަސް މުސްލިމް މީހާއެއް ނުވާނެ ކާފަރަކަށްވުރެ ނުބައެއް. އެއީ މުސްލިމް މީހާގެ އަތުގައި ޝަހާދަތުގެ ދެކަލިމަ އެބައޮތް. އެހެންނަމަވެސް ތިމާގެ މުސްލިމް އަޚާ ފެނުނީމަ މޫނު ކުނިކޮށްފައި ތުންގަނޑު ބޭރަށް ނެރުން އެއީ ތިމާގެ ދީންވެރިކަމާއި ތަޤުވާވެރިކަން ދައްކާލުން ކަމަށް ބައެއް ކުދިން މިއަދު ޤަބޫލު ކުރަނީ. އެއީ ކަނޑައެޅިގެން ބޮޑު މަގުފުރެދުމެއް." ޝައިޚް ސަމީރު ވިދާޅުވިއެވެ.

އައްޝައިޚް އަޙްމަދު ސަމީރު އިތުރަށް ވިދާޅުވެފައިވަނީ ޢާއްމު އުޞޫލަކުން ގުޅުން ދަމަހައްޓަން ޤާއިމުކުރަން އެންގެވިފައި، ނާދިރު ޙާލަތްތައް ޝަރުޢީ މަސްލަޙަތެއް އަދި ޝަރުޢީ ޙާލަތެއް އައިއްސިކަމަށްވަންޏާ އެ ޝަރުއީ ޙާލަތު އަދި މަސްލަޙަތު ނިޔާކުރާ ވަރަކުން އެކަންކުރުން އެއީ ދީނުގަ އައިސްފަ އޮތްކަމެއްކަމަށާއި ނަމަވެސް ވަކި ޙާލަތަކަށްޓަކައި، ވަކި ޚާއްޞަ ޝަރުތުތަކަކާއެކު ހުއްދަ ވެފައި އޮތްކަންތައް އެއީ އިސްލާމްދީނުގެ އަސާސްކަމުގައިވެ، އެއީ އަސްލުކަމުގައިވެ، ދީނުގެ އަސްލު އެއީ ނާދިރު އެއްޗަކަށް މިއަދު ބައެއް ކުދިން ބަލަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް